ސިޔާސީ ކަންކައްތަކާ ދުރަށްވަޑައިގެންނެވިކަން އިއުލާން ކުރެއްވުމަށް ފަހު ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޖަމާއަތެއްގެ އިސް މަގާމެއް އަދާކުރެއްވުމަށް ގާނާ އަށް ދިރިއުޅުން ބަދަލުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ރާއްޖޭގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަން ނިންމަވައި މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ، އެމްޑީޕީގައި އެމަނިކުފާން ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ހަނިވުމުން، އަމިއްލަ އަށް އުފެއްދެވި އާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓިކްސްގެ ފަރާތުން 20 ވަނަ މިޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށެވެ. ޑިމޮކްރެޓިކްސް އިން ބުނީ މި މަހު 19 ވަނަ ދުވަހު ރައީސް ނަޝީދު މާލެ ވަޑައިގެން އެ ދުވަހު ހަވީރު ވިލިމާލޭގައި ބާއްވާ ޑިމޮކްރެޓިކްސްގެ ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަމަ މާލޭގައި ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާން ކުރާ ބައްދަލުވުމުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެެވެ. މީގެ އިތުރުން 20 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައި ބާއްވާ ކެމްޕޭން ނިންމާ އިވެންޓުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާން ރާއްޖޭން ފުރާވަޑައިގަންނަވާނީ މަޖިލިސް އިންތިޚާބުގެ ކަންކަން ނިމުމުން ކަމަށްވެ އެވެ.
އަމިއްލަ އަށް ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު 2018 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވުމުން މާލެ ވަޑައިގެން ރައީސް ނަޝީދު ވަނީ މަޖިލިސް 19 ގެ ސުޕަ މެޖޯރިޓީ އެ ޕާޓީ އަށް ހޯއްދަވައިދެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. އެ އިންތިޚާބުގައި ވާދަކުރައްވައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރައްވައި، އެންމެ ފަހުން މިޖިލިސްގެ ރައީސްކަން ވެސް ހޯއްދެވި އެވެ. ނަމަވެސް 2023 ގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވައި ބަލިވެވަޑައިގަތް ހިސާބުން ދެން މަސައްކަތް ކުރައްވާފައި ވަނީ އެމްޑީޕީ އަށް އިންތިޚާބު ގެއްލުވާލެވޭނެ ހުރިހާ ގޮތަކަށެވެ. އާ ޕާޓީ އުފައްދަވައި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީ އަށް ލިބުނު 15 ވަރަކަށް ހާސް ވޯޓާ އެކު ދެން ޑިމާންޑް ކުރެއްވީ ރައީސް ނަޝީދު އަބަދުވެސް ބޭނުންފުޅުވެލައްވާ ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުމަށް މަޖިލިސް ތެރޭން އެމްޑީޕީގެ ތާއީދު ލިބިއްޖެ ނަމަ އެ ޕާޓީ އަށް ދެވަނަ ބުރުގައި އެއްބާރުލުން ދެވިދާނެ ކަމަށެވެ. ނަމަވެސް އެކަން އެމަގުން ނިދިއުމުން، އެއްވެސް ބަޔަކަށް ތާއީދު ނުކުރާނެ ކަމަށް ބުނި ނަމަވެސް، ޑިމޮކްރެޓްސް އިން ވަނީ އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ރައީސް ޑރ. މުއިއްޒަށް އަޑިއަޑިން ތާއީދުކޮށް އެމްޕީޑީ އަށް އިންތިޚާބު ގެއްލުވާލުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
އެމްޑީޕީން ދެން މަސައްކަތް ކުރީ މަޖިލިސްގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށެވެ. އެކަމުގައި ވެސް ޑިމޮކްރެޓިކްސް ރީތި ހަމަތައް މުގުރާލެއްވުމަށް ފަހު ނަޝީދު އިސްކުރެއްވީ ގަދަބާރުން މަޖިލިސްގެ ރައީސްގެ މަގާމުގައި ދެމިހުރުމަށެވެ. ނަމަވެސް ދެން ވެސް ގޮތެއް ނެތި، އިތުބާރު ނެތްކަމުގެ ވޯޓުގައި މަގާމުން ދުރުކުރާނެކަން ޔަގީންވި ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން މަޖިލިސްގެ ޖަލްސާތަކަށް ގަވާއިދުން ވަޑައިނުގަންނަވާ ގިނައިން އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ.
ދެން މިދިޔަ ޑިސެމްބަރު މަހު ވަނީ ސިޔާސީ ކަންކައްތަކާ ދެތިން އަހަރަށް ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރައްވައިފަ އެވެ. ސަބަބެއް ކަމަށް ވަނީ ސީވީއެފް ކިޔާ ތިމާވެއްޓާ ބެހޭ ޖަމިއްޔާއެއްގެ ސެކްރެޓަރީ ޖެނެރަލްކަން ނަޝީދަށް ލިބިވަޑައިގަތުމުން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ގާނާގައި ދިރިއުޅުއްވަން ޖެހިވަޑައިގަތުމެވެ. ގާނާ އަށް ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު ވަނީ އާ ކައިވެންޏެއް ވެސް ކުރައްވައިފަ އެވެ.