ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރަސީގެ ހަމަތަކަށް ތަބާ ނުވާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔާމީން އާ އެކުގައި ޕާޓީ ކުރިއަށްދާ އިރުގައި ޕީއެންއެފް ވެގެން ދާނީ އެންމެ ޑިމޮކްރެޓިކް ޕާޓީ އަށް ކަމަށެވެ.
އަދި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޔާމީން މިހާރު ވެސް ކަންކަން ކުރައްވާ އިރުގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީ އުފެދުނު މަގްސަދާއި ޕާޓީގެ މެމްބަރުންނާއި ލީޑަޝިޕްގެ ވިސްނުމާއި ފިކުރާ އެއްގޮތަށް އެމަނިކުފާނު ކަންކަން ކުރައްވާތީ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީން ފިޔަވައި މިގޮތަށް ކަންކަން ކުރައްވާ ސިޔާސީ ޕާޓީއެއް އަދި ލީޑަރަކު ވެސް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ. ނަމަވެސް ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އަމަލު ކުރަމުންދާ ތަން ކޮންމެވެސް ވަރަކަށް ފެންނަ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި އޮތް ޑިމޮކްރަސީއަށް ތަބާނުވާ ހަމައެކަނި ޕާޓީގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ވެގެން މި ދަނީ ޕީއެންސީ. ޕީއެންސީގެ ތެރޭގައި މިއޮތީ އޮޓޯކްރަސީ. ޕީއެންސީން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ އެ ޕާޓީއަކީ ޕާޓީގެ ލީޑަރަށް ފެންނަ ގޮތެއްގެ މަތިން ހިންގާ ޕާޓީއެއް." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ޕީއެންސީގެ އަސާސީ ގަވައިދާއި އުސޫލުގެ ތެރެއިން ނިންމާ ނިންމުންތައް ވެސް ޕާޓީގެ ލީޑަރު ގަބޫލު ނުވާ ކަމަށްވާ ނަމަ، ދަނީ އެއް ފަރާތްކޮށްލަމުންނެވެ. މިކަން ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި ހީނާ ވަލީދު ވެސް ގަބޫލު ކުރައްވާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އެ ފާހަގަ ކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުންނަށް ޕާޓީގެ ލީޑަޝިޕުން ތާއީދު ނުކުރާ މައްސަލައިގައި އެކަމަށެވެ. އެނގިފައިވާ ގޮތުގައި ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި ޓިކެޓު ލިބުނު ކެންޑިޑޭޓުން ހިމެނޭ ގޮތަށް އަށް ވަރަކަށް ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ލީޑަޝިޕުން ތާއީދު ނުކުރެ އެވެ.