މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ސަސްޕެންޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ބައްސާމްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިފައިވާ ކަމަށް މުވައްޒަފުންތަކެއް ބުނަމުންދިޔުމާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެމްއެމްޕީއާރްސީން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މި މައްސަލަ މީޑިއާގެ ސަމާލުކަމަށް އައުމުން އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ވަނީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް އެއްވެސް މުވައްޒަފަކު ރަސްމީކޮށް ޝަކުވާ ހުށަހަޅާފައިނުވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅު އަޅަން ޑިސިޕްލިނަރީ ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
އެމްއެމްޕީއާރްސީން ބުނީ ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި އެ ފަދަ އަމަލެއް ކޮށްފިނަމަ ކޮންމެ މުވައްޒަފަކާ މެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.