އިދިކޮޅު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތްނަމަ ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓްތައް ބަހާލާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ފްލެޓްތައް ނުދީ މަޑުކޮށްލައިގެން ސަރުކާރުން އުޅެނީ މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ކަމުގެ އުންމީދުގައި ކަަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތްނަމަ، އެ ބޭފުޅާގެ ލިސްޓަކަށް ފްލެޓްތައް ބަހާލާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެހެންނޫންނަމަ ހަތަރު މަސް ވެގެންދާއިރު މިކަން ނުކޮށް ތިބެންވީ އެއްވެސް ސަބަބެއް ނެތް،" ސޯލިހު ވިދާޅުވި އެވެ.
"ފުރަތަމަ ވިދާޅުވީ ކީކޭތޯ އެއްވެސް ރައްޔިތަކަށް ސަރުކާރުގެ ލިޔުމެއް ދީފަ އޮވެއްޖެއްޔާ ޝައްކުވެސް ނުކުރައްވާށޭ. އެބޭފުޅަކަށް ފްލެޓާއި ގޯތި ލިބޭނެއޭ. ހަފްތާއެއް ނުވެ ބަދަލުވީ."
މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރެވެން އޮތް ކަމަކީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާ ފުށިދިއްގަރު ފަޅުގެ މަޝްރޫއާ ބެހޭގޮތުން ވެސް ސޯލިހު މިރޭ ވާހަކަފުޅުދެއްކެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމިއްޔާތެއް ބާއްވައި ރަސްމާލޭގެ ނަމުގައި ފެށި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ބޯހިޔާވަހިކަމަށް ހިއްކަން ފެށި ގިރާވަރުފަޅުގެ މަޝްރޫއުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާ ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ނުވިއްކާނަމޭ ކިޔައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ފުށިދިއްގަރުފަޅާއި ހުޅުމާލެއިން ސްރީލަންކާގެ ސީއެމްސީ ކުންފުންޏަށް ބިން ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކުގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތްފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި 1700 ޕްރޮޖެކްޓް ހުއްޓާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.