މަންޓާ އެއާގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ވޯޓާ ރަންވޭގައި ޖައްސަނިކޮށް ވެއްޓިއްޖެ އެވެ.
އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ ހެނދުނު 7:30 ހާއިރު ނުވަ މީހުންނާއެކު ޖައްސަން އައި ބޯޓު ވެއްޓުނު ސަބަބެއް ސާފެއް ނުވާ ކަމަށެވެ.
ތިން ކުރޫންނާއި ހަ ޕެސެންޖަރުންނާއެކު ކޮމޯ މާލިފުށިން އައި ބޯޓު ވެއްޓުމުން އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
މަންޓާ އެއާގެ ސީޕްލޭން ވެއްޓި ބޯޓު އެއް ކަނދު ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި ފެންމަތީގައި ފެންނަން އޮތީ ދެ ކަނދު އެކަންޏެެވެ.
އެމްއޭސީއެލް އިން ބުނީ ހުޅުލޭގެ އިރުމަތީ ފަރާތު ވޯޓާ އެއިރޯޑްރަމްއަށް ބޯޓު ވެއްޓުމާ ގުޅިގެން ސީޕްލޭން ޖެއްސުން މެދުކަނޑާލި ނަމަވެސް ހެނދުނު 8:55 ން ފެށިގެން އަލުން ބޯޓުތައް ފުރަން ހުއްދަ ދިން ކަމަށެވެ. އަދި 9:17 ން ފެށިގެން އަލުން ބޯޓުތައް ޖެއްސުމުގެ ހުއްދަ ދިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ހާދިސާ ހިނގި ނަމަވެސް އެ އެއާޕޯޓުގެ ވީލް ބޭސްޑް އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ވެއްޓުނު ބޯޓުގައި ހުރި ހުރިހާ ސަމާނެއް ފަޅުތެރެއިން މިހާރު ނަގާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ސަލާމަތްކުރި މީހުންގެ ތެރެއިން އެކެއްގެ ކޮނޑުހުޅަށް އަނިޔާވެފައިވާ ކަމަށް ވެސް ފަޔާ އެންޑް ރެސްކިއުއާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.
މަންޓާ އެއާ އިން ވެސް ވަނީ އެ ކުންފުނީގެ ސީޕްލޭން ވެއްޓުނުކަން ހާމަކޮށްފަ އެވެ. އެ ކުންފުނިން ބުނީ ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށާއި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މަންޓާ އިން ބުނީ މިހާރު ދަނީ ވެއްޓުނު ބޯޓު ފަޅުތެރެއިން ނެގުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ބޯޓު ވެއްޓުމާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަންޓާއިން ބުނީ މިވަގުތު އެ އެއާލައިނުން އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު ލިބުނު މީހުންނަށާއި އާއިލާތަކަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.
މިއީ އެ ކުންފުނީގެ ސީޕްލޭނެއް ވެއްޓުނު ފުރަތަމަ ފަހަރަށެވެ. ރާއްޖޭގައި މިވަގުތު ސީޕްލޭންގެ ހިދުމަތް ދެނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވިއަން އަދި މަންޓާ އެއާ އެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!