ތުރުކީއަކީ އަހަރެމެން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް އެއް މަންޒިލެވެ. ތަފާތު މާހައުލަކާއި ސަގާފަތެއް ލިބިގެންވާ އިސްތަންބޫލް އާއި ކެޕަޑޯކިއާއަށް ޒިޔާރަތްކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ އުއްމީދެކެވެ.
ފަތުރުވެރިންގެ ހުވަފެނީ މި މަންޒިލްގައި ރަމަޟާން މަހަކީ މުޅިން ތަފާތު އިހުސާސެއް ކުރުވާނެ މަހެކެވެ. އެމަހުގައި އެ މަންޒިލަށް ދަތުރު ކޮށްފިނަމަ ރޫޙާނީ ތާޒާކަން ގެނުވައިދޭނެ އެވެ. އެގޮތުން މިލިޔުމުގައި މި އަލިއަޅުވާލަނީ އިސްލާމީ ގައުމެއް ކަމަށްވާ ތުރުކީގައި ރަމަޟާން މަހުގެ ތަޖުރިބާ ކުރުމުގެ އުސްއަލިތަކަށެވެ.
ފުރަތަމަ ކަމަކަށް އެ ގައުމުގައި ރަމަޟާން މަހުގެ މާހައުލަށް ބަލާލާނަމެވެ. އާއްމުކޮށް ހަލަބޮލި މަގުތައް އެ މަހުގެ ދުވާލު ގަޑީގައި އަމާންވެ އެވެ. ޓްރެފިކް ބާރުބޮޑު އެ މަގުތައް ފެންނާނީ ހަމަހިމޭން ކޮށެވެ. މަގުމަތިން ހިނގާފައި އުޅޭ މަދު މީހަކު ނޫނީ ނުފެންނާނެ އެވެ. މިސްކިތްތަކުގައި ނަމާދާއި ދަރުސްތަކުގެ އަޑު އިވޭއިރު ހިތަށް ގެނުވާނީ ހިތްހަމަޖެހުމުގެ އިހުސާސްތަކެވެ. އުފެދޭނީ ރޫހާނީ ޝުއޫރު ތަކެވެ.
އިރުއޮއްސުމާއެކު ރަށް ދިއްލާލަ އެވެ. ޖަރީގެ ބޮކިތަކުން މުޅި ސަރަހައްދު އަލިކޮށްދެ އެވެ. މިސްކިތްތަކުން ބަންގީގެ އަޑު ގުގުމާލުމާއެކު ރޯދަ ވީއްލުމުގެ ހަފްލާތައް ފެށޭނެ އެވެ. އާއްމުކޮށް ހޮޅުވާލެވިގެން ބާއްވާ މި ހަފުލާތަކުގައި އެންމެންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ. ފަތުރުވެރިއަކަށް ތަފާތު ދީނަކަށް ބެލުމެއް ނެތި އެވެ. މި ހަފްލާތައް އިތުރަށް ފުރިހަމަ ކޮށްދެނީ ކެއިން ބުއިމުންނެވެ. ތަފާތު އެކި ވައްތަރުގެ އެކި ރަހަތަކުގެ ކެއުންތައް ލިބެން ހުންނާނެ އެވެ. މި ހަފްލާތައް އެ ގައުމަށް ގޮސް އުޅޭ ފަތުރުވެރިންގެ ހިތްވެސް އަތުލަ އެވެ.
ތަރާވީޙުން ފޭބުމާއެކު ދެން ފެންނާނީ މުޅިން ތަފާތު މަންޒަރެކެވެ. އަމާން ވެފައި އޮތް މަގުތައް ހަލަބޮލި ވެގެންދެ އެވެ. މަގުތަކަށް މީހުން ނުކުމެ ހޭލަމޭލަ ވާން ފަށަ އެވެ. ޝޮޕިންގް މޯލްތަކާއި ސިނަމާތައް ހުޅުވި ރަށަށް ދިރުން ގެނުވަ އެވެ. ފަތުރުވެރިންނަށް އެ ގައުމުގެ އަސްލު މަންޒަރު ދައްކާލަ އެވެ.
މިއީ އަހަރުމެންގެ އެންމެ "ފޭވަރިޓް" އިސްތަންބޫލްގައި ރަމަޟާންމަހުގެ ދުވަސްތައް ދާ ގޮތުގެ ކުރު ޚުލާސާ އެކެވެ. ދެ ބައްރު ގުޅުވައިދޭ ތުރުކީގެ މައި ސިޓީގައި ރަމަޟާން މަހުގެ އާދަކާދަ އޮންނަ ގޮތެވެ. ރަމަޟާން މަހު އިސްތަންބޫލަށް ޒިޔާރަތްކުރުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.