"ދޮގެއް ހެދުމަށްފަހު އެ ދޮގު ގިނައިން ތަކުރާރު ކުރުމުން މީހުން އެއީ ތެދެއް ކަމަށް ގަބޫލު ކުރާނެ އެވެ." މިއީ ޖަރުމަނުގެ ނާޒީ ލީޑަރެއްކަމުގައިވާ ޔޯސެފް ގެބްލް ވިދާޅުވެފައިވާ ބަސްފުޅެކެވެ. ހިޓުލަރުގެ ނާޒީ ސަރުކާރުގެ ޕްރޮޕަގެންޑާ މިނިސްޓަރު ކަމުގައި ގޮބްލްސްގެ ޕްރޮޕަގެންޑާ ބިނާ ކުރެއްވީ މި ފަލްސަފާ އަށެވެ. ދޮގެއް ހެދުމަށް ފަހު އެ ވާހަކަ ތަކުރާރުކޮށް ދައްކައި މަޝްހޫރުކޮށް އެއީ ހަގީގަތް ކަމުގައި މީހުނަށް ގަބޫލު ކުރެވޭ ފެންވަރަށް މީހުންގެ ވިސްނުން ބަދަލު ކުރުމެވެ.
ތަކުރާރުކޮށް، ދޮގު ހަދައި އެ ވާހަކަ ރައްޔިތުންނަށް ތެދުކަމުގައި ވިސްނައި ދިނުމަކީ ނާޒީ ލީޑަރެއްގެ ވިސްނުމާއި ޚިޔާލުން އުފަންވި ވާހަކައެއް ކަމުގައި ބެލެވިފައި އޮތްކަމުގައި ވިޔަސް މި ޒަމާނުގެ ހިއުމަން ސައިކޮލޮޖިސްޓުން ވަނީ ނާޒީންގެ އެ ފަލްސަފާ އަކީ އިންސާނުންގެ ވިސްނުމާ ގުޅިފައިވާ ހަގީގަތެއް ކަން ހޯދައިފަ އެވެ.
ތަފާތު ދިރާސާތަކެއްގެ ނަތީޖާ އިން ސައިކޮލޮޖިސްޓުންނަށް ޔަގީން ވެފައިވާ ގޮތުގައި ދޮގު ވާހަކައެއް ކިޔައި ދިނުމުން ފުރަތަމަ އެބުނާ އެއްޗަކާ މެދު ބައެއް މީހުން ސުއާލު ކޮށްފާނެ އެވެ. އެހެންނަމަވެސް އެ ވާހަކަ ތަކުރާރުކުރުމުން ދެވަނަފަހަރު ސުވާލު ކުރުމުގެ ބަދަލުގައި އެ ބުނަނީ ތެދެއްކަމުގައި މަޑުމަޑުން ސިކުނޑި ގަބޫލު ކުރަން ފަށާނެ އެވެ. ގިނައިން ތަކުރާރުކުރި ވަރަކަށް އެ ބުނާ ވާހަކައަކީ ތެދެއް ކަމުގައި އަހާ މީހުނަށް ޔަގީން ވާނެ އެވެ.
އިންސާނުންގެ ތަބީއަތުގައިވާ މި ބަލިފައިގެ ފައިދާ ސިޔާސީ މީހުނާއި މާކެޓިން އާއި އިޝްތިހާރުކުރާ ފަރާތްތަކުން ކިތަންމެހާ ރަނގަޅަކަށް ނަގަ އެވެ. މިސާލަކަށް ހުޅަނގުގެ މީޑިއާތަކުން ހަމާސްގެ ނަން ގަންނަ ކޮންމެ ފަހަރަކު ޓެރަރިސްޓުންނޭ ބުނުމުގެ ބޭނުމަކީ އަބަދު އެގޮތަށް ބޭނުން ކުރުމުން އެ ވާހަކަ އަހާ މީހުނަށް ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައި ގަބޫލު ކުރުވުމެވެ.
އިރާގަށް ބޮންއަޅައި އެ ގައުމު ހިފުމުގެ ކުރިން އެމެރިކާ އާއި ހުޅަނގުން އިރާގުގައި ނުރައްކާތެރި ހަތިޔާރުތަކެއް ހުރި ވާހަކަ ދައްކަން ފެށި އެވެ. އެ ވާހަކަ ތަކުރާރުކޮށް ދައްކަމުން ގެންދިޔައީ އިރާގު ހިފަން ކުރާ ހަނގުރާމައަށް ހުޅަނގުގެ ގައުމުތަކުގެ އާންމު ރައްޔިތުންގެ ހިތްތަކުގައި ނުރުހުމެއް އޮތަ ނުދިނުމުގެ ބޭނުމުގަ އެވެ. ހަގީގަތުގައި އިރާގުގައި އެބުނި ފަދަ ނުރައްކާތެރި ހަތިޔާރެއް ނެތްކަން އާންމުނާ ހަމަޔަށް ތިލަވެގެން އައީ ހަނގުރާމަ ނިމުނުތާ އެތައް އަހަރެއްގެ ފަހުންނެވެ.
ސައިކޮލޮޖިސްޓުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ދޮގެއް ތަކުރާރުކޮށް ބުނާ ބުނުމުން އަހާ މީހުނަށް އެއީ ތެދެއް ކަމުގައި ހީވާ ހީވުމުގައި އެ ބުނާ ވާހަކަޔާ ބެހޭ ހަގީގީ މައުލޫމާތު ކުރިން އެނގިފައި އޮތުމާއި ނެތުމުގައި ވެސް މާ ބޮޑު ތަފާތެއް ނުހުރެ އެވެ. ކުރިން އެނގޭ މައުލޫމާތަކާ ބެހޭ ގޮތުން ވެސް ނުބައިކޮށް ދައްކާ ވާހަކަ، ތަކުރާރުކޮށް އިވޭނަމަ އެ އިވޭ ވާހަކަ، ތެދު ކަމުގައި ގަބޫލު ކުރެވޭ ގޮތްވެ އެވެ.
ސިޔާސީ ލީޑަރުންނާއި ސަރުކާރުތަކުން، އެ މީހުން ބޭނުންވާ ޕްރޮޕަގެންޑާ ފެތުރުމަށް ދައްކާ ވާހަކައެއް ތަކުރާރުކުރާ ތަން ފެންނަ ސަބަބަކީ އެ ވާހަކަތައް އެގޮތަށް ތަކުރާރުކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ގަބޫލު ކުރެވުމުގެ ފުރުސަތު އޮންނާނެތީ އެވެ. ރައީސަކު ދައްކަވާ ވާހަކަފުޅުގެ މުހިންމު ޕޮއިންޓުތައް ނަގައިގެން އެ ވާހަކަ އެތައް ބަޔަކު ތަކުރާރުކޮށް ފަތުރަން މަސައްކަތް ކުރާ ތަން ފެނިދާނެ އެވެ. ބޭނުމަކީ ތަކުރާރުކޮށްގެން އެ ވާހަކަ ރައްޔިތުންނަށް ގަބޫލު ކުރުވުމެވެ. މިސާލަކަށް، ސަރުކާރުގެ އިސް މަގާމުތަކަށް އަންހެނުންނަށް ޚާއްސަ އިސް ކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމުގައި އެތައް ބަޔަކު ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ބުނެފާނެ އެވެ. އެކަމަކު ހަގީގަތުގައި ކަންތައް އޮތީ އޭގެ އިދިކޮޅަށް ކަމުގައި ވިޔަސް ސޯޝަލް މީޑިއާގައި އެ ވާހަކަ ތަކުރާރުވަމުން ދިއުމުގެ ސަބަބުން އެއީ ހަގީގަތުގައި ވެސް ތެދު ކަމުގައި ހީވުމުގެ ފުރުސަތު ބޮޑެވެ.
ސިޔާސީ މީހުނާއި މާކެޓިންގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ދޮގު ވާހަކަ ތަކުރާރު ކޮށްގެން މީސްތަކުންގެ ހިތް ފަތަހަ ކުރަން މަސައްކަތް ކުރި ކަމުގައި ވިޔަސް ސައިކޮލޖިސްޓުންގެ ހޯދުންތަކުން ދައްކާ ގޮތުގައި އެފަދަ ދޮގު ވާހަކަ މީހުން ގަބޫލު ކުރާނީ ކުރު މުއްދަތަކަށެވެ. އާޚިރު ނަތީޖާއަކަށް ވާނީ ދޮގަކީ ދޮގުކަން އެނގި ދޮގުގެ މައްޗަށް ތެދު ކުރި ހޯދުމެވެ. ސިޔާސީ ވެރިން ފަތުރާ ޕްރޮޕަގެންޑާގެ ބާރު ކުރު މުއްދަތެއްގެ ތެރޭގައި ކެނޑި އެ ފަރާތްތަކާ މެދު ރައްޔިތުންގެ ހިތުގައި ދާދި އަވަހަށް ނަފުރަތު އުފެދޭ ތަން ފެންނަނީ އެ ސަބަބާ ހެދި އެވެ.