ދިވެހި ކަނޑުން ގެއްލުނު ބައި މި ސަރުކާރުން އަނބުރާ ހޯއްދަވައިދެއްވައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ޚިތޯބުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު ފެންނަކަން ފާހަގަކުރެއްވި އެވެ. އަދި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެމަނިކުފާނު ވަނީ ޤައުމަށް ތެދުވެރިވެ، ދީނަށް ޙުރުމަތްތެރިކޮށްހިތައި، ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސްކުރައްވާފަ އެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން، ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްޠީނަކީ އޭގެ މިސާލެއް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޚިތޯބުގައި އެމަނިކުފާނު ވަނީ އަލިރަސްގެފާނުގެ ގައުމީ ޖިހާދުގެ ހާދިސާއަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތް الله ޙައްގަށް ނަސްރުދެއްވާނެކަން ކަމަށެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެ އިތުރުން ވެސް ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅަކާއެކު ކަމަށާއި، އެ ފިލާވަޅުތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލުކުރުމަށްޓަކައި ތާރީހުގެ ފަތްފުށްތައް ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ތަފުސީލީގޮތެއްގައި ތާރީޚުގެ ފަތްފުށްތަކުން ފެންނަ ހެކިތަކާއެކު އެއިން ލިބިދޭ ފިލާވަޅުތައް މިއަދުގެ ޚިތޯބުގައި ވިދާޅުވެދެއްވާފަ އެވެ.