ޓޮމް ހޮލޭންޑްގެ 'ސްޕައިޑަ-މޭން' ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު 'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ' ސިނަމާތަކަށް އަންނަން ތައްޔާރު ވަމުން ދާއިރު މިއީ އެކްޓަރު ޓޮމް ހޮލޭންޑާއެކު މާވެލްއިން ފަށާ މުޅިން އައު ތިން ފިލްމުގެ (ޓްރިލޮޖީ) ގެ ފުރަތަމަ ފިލްމު ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
2021 ވަނަ އަހަރު ނިކުތް 'ނޯ ވޭ ހޯމް' ގެ ބޮޑު ކާމިޔާބީއަށްފަހު، މި ފިލްމުން ޕީޓެ ޕާކަރްގެ ދިރިއުޅުމުގެ މުޅިން އައު ބާބެއް ފެނިގެންދާނެ އެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ 'ނޯ ވޭ ހޯމް' ގެ ހާދިސާތަކަށްފަހު ހަތަރު އަހަރު ފަސްވެފައިވާ ދުވަސްތަކެއްގެ މައްޗަށެވެ. ޑޮކްޓަރު ސްޓްރޭންޖް ހެދި ސިހުރުގެ ސަބަބުން މުޅި ދުނިޔެ މިހާރު ހުރީ ޕީޓާ ޕާކަރް އަކީ ކާކުކަން ހަނދާން ނެތިފަ އެވެ. އެހެންކަމުން އޭނާގެ ލޯބިވެރިޔާ އެމްޖޭ (ޒެންޑޭއާ) އަދި އެންމެ ގާތް އެކުވެރިޔާ ނެޑް (ޖެކޮބް ބަޓަލޯން)އަށްވެސް އޭނާއެއް ނޭނގެ އެވެ. މި އެކަނިވެރިކަމުގެ ތެރޭގައި ޕީޓާ މިހާރު ދިރިއުޅެމުންދަނީ ނިއު ޔޯކް ސިޓީގެ މަގުތަކުގައި ފުލް-ޓައިމްކޮށް 'ސްޕައިޑަ-މޭން' ގެ ގޮތުގައި ކުށްވެރިންނާ ހަނގުރާމަކުރުމުގަ އެވެ.
ފިލްމުގެ ތަފްޞީލްތައް ބު ނާގޮތުން، ކުށްވެރިންނާ ދެކޮޅަށް ކުރާ ބުރަ މަސައްކަތްތަކުގެ ސަބަބުން ޕީޓާގެ ހަށިގަނޑަށާއި އޭނާގެ ބާރުތަކަށް ނުރައްކާތެރި ބަދަލުތަކެއް އަންނަން ފަށަ އެވެ. މި ބަދަލުތަކުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެ، އަމިއްލަ ބާރުތައް ކޮންޓްރޯލުން ނެއްޓޭ ހިސާބަށްދެ އެވެ. މިކަމުގެ ހައްލެއް ހޯދުމަށް އޭނާ އެހީއަށް އެދެނީ އެމްސީޔޫގެ މަޝްހޫރު ކެރެކްޓަރެއް ކަމަށްވާ ބްރޫސް ބެނާ ނުވަތަ 'ހަލްކް' (މާކް ރުފަލޯ)ގެ ކިބައިންނެވެ.
މި ފިލްމަކީ ހަމައެކަނި ސްޕައިޑަ-މޭންގެ އެކަނިވެރި ހަނގުރާމައެއް ނޫނެވެ. މާވެލްގެ އެންމެ ވަރުގަދަ އެއް އެންޓި-ހީރޯ ކަމަށްވާ ފްރޭންކް ކާސްލް ނުވަތަ 'ޕަނިޝާ' (ޖޯން ބާންތަލް) ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މަގުމަތީގެ ކުށްވެރިން ނައްތާލުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ޕަނިޝާއާއި ސްޕައިޑަ-މޭންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާނެ ކަމަށް ބެލެވެ އެވެ. ފިލްމުގެ މައިގަނޑު ވިލަންގެ ގޮތުގައި ފެންނާނީ މީގެ ކުރިން 'ހޯމްކަމިންގް' ފިލްމުން ތަޢާރަފްވި 'ސްކޯޕިއަން' (މައިކަލް މެންޑޯ) އެވެ.
'ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ' ޑައިރެކްޓްކުރަނީ 'ޝޭންގް-ޗީ' ގެވެސް ޑައިރެކްޓަރު ޑެސްޓިން ޑެނިއަލް ކްރެޓަން އެވެ. ފިލްމުގެ ކާސްޓަށް ބަލާއިރު 'ސްޓްރޭންޖާ ތިންގްސް'ގެ ތަރި ސޭޑީ ސިންކްވެސް މުހިންމު ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިލްމަކީ ކުރީގެ ފިލްމުތަކަށްވުރެ ތަންކޮޅެއް ސީރިއަސް، އަދި ޕީޓާ ޕާކާ ކުޑަކުއްޖެއްގެ ދިރިއުޅުމުން ޒުވާނެއްގެ ދިރިއުޅުމަށް ބަދަލު ވަމުންދާއިރު ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތައް ދައްކުވައިދޭނެ ފިލްމެކެވެ.
މި ފިލްމު ރަސްމީކޮށް ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 31 ޖުލައި 2026ގަ އެވެ. މި ފިލްމާއެކު ފެށޭ އައު ޓްރިލޮޖީއަކީ އެމްސީޔޫގެ ކުރިއަށް އޮތް 'އެވެންޖާސް' ފިލްމުތަކާވެސް ވަރަށް ބޮޑަށް ގުޅިލާމެހިގެންދާނެ ވާހަކައެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
އިތުރު ވަގުތުގައި ކޭޕް ވާޑް އަތުން އާޖެންޓީނާ ސަލާމަތްވެއްޖެ
ގާނާ ބަލިކޮށް ކޮލަމްބިއާ ގަދަ 16ގެ ބުރަށް