އާއިލީ ގުޅުމަކަށް ނިމުމެއް ގެނައުމަކީ ކުރަން އުނދަގޫ ކަމެކެވެ. ހާއްސަކޮށް ދަރިން ލިބިފައިވާ ދެމަފިރިއަކު ވަކި ވުމަކީ ދަރިންނަށް ދިގު މުއްދަތުގައި އޭގެ އަސަރު ކުރުވާނެ ކަމެކެވެ.
ދިމާވާ މައްސަލައެއްގައި ކުރީގެ ބައިވެރިޔާ ދޫކޮށްލައި އެހެން މީހަކާއެކު ދަރިފުޅު ގޮވައިގެން އުޅެން ގަސްދުކުރާއިރު ދަރިފުޅު އެކަމަށް ތައްޔާރުތޯ ވިސްނާލުމަކީ މުހިއްމު ކަމެކެވެ. ތިބާގެ ހަޔާތަށް އަންނަ މީހާ ވާނީ ކުދިންނަށް މުޅިން އާ މީހަކަށެވެ.
އެންމެ މުހިއްމު ކަމަކީ ތިބާ އަލަށް ފަށާ ހަޔާތަށް ހޭނެން ދަރިންނަށް ވަގުތު ދިނުމެވެ. ހަޔާތުގެ އާ ބައިވެރިޔަކީ ދަރިންނަށް ވެސް އާ މީހަކަށް ވާއިރު އެ މީހަކާ އެކު އުޅެން ދަސްކުރަން ވެސް ދުވަސް ކޮޅެއް ނަގާނެ އެވެ. މި މުއްދަތުގައި ދަރިންނަށް އެއްވެސް މަޖުބޫރު ކަމެއްނެތި ލޯބި ދޭށެވެ.
ކުރީގެ ބައިވެރިޔާ ދެކެ ތިބާ ކިތަންމެ ފޫހި ވިޔަސް ދަރިންގެ ހިތުގައި އެ ފޫހިކަން އަށަގަންނުވަން މަސައްކަތް ނުކުރާށެވެ. ތިބާގެ ކުރީގެ ބައިވެރިޔާ އަކީ މިހާރުވެސް އެކުދިންގެ މަންމަ ނުވަތަ ބައްޕަ ކަން ދަންނަން ޖެހޭނެ އެވެ. އެހެން ކަމުން އެ ފަރާތާ އޮންނަ ގުޅުން ކަނޑުވަން މަސައްކަތް ނުކުރާށެވެ.
އާއިލީ ކަންކަމުގެ މާހިރުން ގަބޫލުކުރާ ގޮތުގައި ވަކިވުމަށްފަހު ދަރިންގެ ކަންކަން ބެލެހެއްޓުމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ، ދެމީހުން ވަކިވުމަށްފަހު ވެސް ދައްކަންޖެހޭ ވާހަކަތަކާއި ހުރި މައްސަލަތަކާ ބެހޭގޮތުން ދަރިންނަށް އަޑު ނީވޭ ގޮތަށް މަޝްވަރާ ކުރުމެވެ. އެކަން ކުރުމަށް އީމެއިލް ފޭސްބުކް ފަދަ މީޑިއަމް ބޭނުންކުރެވިދާނެ އެވެ.
އެގޮތަށް ވާހަކަ ދެއްކުމުން ދަރިންގެ ހިތުގައި އެއްވެސް މީހަކާ ދޭތެރޭ އިނދިކޮޅު ހިޔާލާއި ނަފްރަތު އުފެދުމުގެ ފުރުސަތު ކުޑަ ވާނެ އެވެ. އެހެންވީމަ ދެމީހުން ވަކިވުމަށްފަހު އެއް ތަނަކުން ދިމާ ވިޔަސް ކުދިންގެ ކުރިމަތީގައި ނަފްތަރުގެ ބަހުރުވައިން ވާހަކަ ނުދައްކާށެވެ.
ކުއްޖާ ފުރާވަރަށް އަރައިގެން އަންނައިރު އެކުދިންގެ ކައިރީގައި އެކުދިންގެ ބައްޕަ ނުވަތަ މަންމައާ ގުޅޭ ގޯސް ވާހަކަތައް ދައްކައި އެމީހުންގެ ކިބައިގައިހުންނަ ގޯސް ކަންކަމުގެ ވާހަކަ ދެއްކުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބައެއް ކުދިން ޅަ އުމުރުގައި ޑިޕްރެޝަން އާ ކުރިމަތިލަ އެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަން ވިސްނައިދޭށެވެ.
ވަރިވުމަށްފަހު އާ ދިރިއުޅުމެއް ފެށި ނަމަވެސް ދަރިންނަށް އަޅައިލުމަކީ މައިން ބަފައިންގެ ޒިންމާ އެކެވެ. ތިބާ މިހާރު އިނދެގެން އުޅޭ މީހާ އަކީ ދަރިފުޅަށް ކިތަންމެ ރަނގަޅު ހެޔޮ މީހަކަސް، ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ އަސްލު މަންމަ ނުވަތަ ބައްޕަގެ ލޯބި އަބަދުވެސް ބޭނުންވާނެ އެވެ. އެހެންކަމުން ތިބާގެ ކުރީގެ ބައިވެރިޔާ އަކީ ދަރިފުޅަށް ރަނގަޅު މީހެއް ކަމަށްވާނަމަ ހަފްތާ ބަންދެއްގައި ނަމަވެސް އޭނާ އާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދަރިފުޅަށް ދޭށެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން ދަރިންގެ މުސްތަގްބަލަަށް ހިޔަނި އެޅުނަ ނުދިނުމަކީ ދެމިފިރިންގެ ވެސް ޒިންމާ އެކެވެ. އެކަމަށް ގަދައަަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ.