ގއ. ވިލިނގިލީގެ އުމުރުން 13 އަހަރުގެ ހާލު ދެރަ ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގައި ލަސްތަކެއްވެ، އެންމެފަހުން އެ ކުއްޖާ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް މަރުވި މައްސަލައިގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި އެކަމުގައި އިހުމާލުވި މީހުން ހޯދައި ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިލިނގިއްޔަށް އުފަން މުހައްމަދު ޖާހް ހާލިދުގެ ބަލި ހާލަތު ބޮޑުވެގެން އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވަނިކޮށް އެގޮތަށް އަމަލު ކުރުން ލަސް ކުރުމުގެ ސަބަބުން އެ ކުއްޖާ ނިޔާވި ހިތާމައިގައި އެ އާއިލާ އެކުގައި އެ ޕާޓީން ބައިވެރިވާ ކަމަށެވެ.
އަދި އަވަހަށް ފަރުވާ ލިބެން ޖެހޭ ކުއްޖާ އިމެޖެންސީކޮށް އުފުލުގައި ކަން ހިނގާފައިވާ ގޮތާ މެދު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ވާހަކަތަކުން ވެސް އެކަމުގައި އިހުމާލުވާ ކަން އެނގޭ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދިވެސް ލިބެން ނެތުމާއެކު، ބަލި ހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމްވެފައިވާ ކަން އަބަދުވެސް އެނގޭ އިރު، ބަލި މީހުން އިމަޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
"މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އެނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގަވައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މި ޕާޓީން ގޮވާލަމެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ކަން ކަށަވަރު ކުރުމަށް ކަމާ ގުޅުން ހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި ޕޮލިސީތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށް ވެސް ގޮވާލައިފަ އެވެ.