މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާއިރު %3 ގެ ދަށްވުމެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހު އެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެ އެވެ.
މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ އަދަދު ދަށްވި އިރު، އެ އަހަރުގެ ޑިސެމްބަރު މަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަ ދަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި 11.0 މިލިއަން ރުފިޔާ ލިބުނު އިރު، މި އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުރީ 5.7 މިލިއަން ރުފިޔާގަ އެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއް ދައްކަން ޖެހޭ އަދި ދީނީ ގޮތުން ވާޖިބު ކަމެކެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަކީ 7151.90 ރުފިޔާ އެވެ.