ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 13 އެޕްރެންޓިސްއަކަށް މިއަދުގެ ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާނެވެ. އެ ރަސްމިއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް އިސްކަންދޭ އެ ކުންފުނީގެ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެސް މެއެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 268 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 21 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 14 ވަނަ ބެޗަށްވެސް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެ އެވެ. އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާނު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހްސާން ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ކުންފުނި ތަކުގެ ތެރެއިން ގައުމީ އިޖްތިމާއީ ޒިންމާގެ މައިދާނުގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަކީ ދިރާގު ކަމުގައި ފާހަގަކުރައްވާ، މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުންގެ ކުރިއެރުމާއި ހުނަރު އިތުރުކުރުމަށް މުހިންމު މަގުތަކެއް ފަހިވެގެންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުވެސް ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތައް ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުކަމަށް ފާހަގަކުރައްވާ އަދި މި ޕްރޮގްރާމްގެ ސަބަބުން، ދިރާގުގެ އިންކްލޫސިވް އަދި ދެމެހެއްޓެނިވި 'ޑިޖިޓަލް ރާއްޖެ' އެއް އުފެއްދުމުގެ ވިސްނުމަށް އެހީތެރިކަން ލިބިގެންދާކަމަށްވެސް ވިދާޅުވި އެވެ.
ދިރާގުން އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ. އަދި މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގްބަލުގައިވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.