ކުރީގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ނަން ބޭނުންކުރުން ހުއްޓާލައި ކުރިއެކޭ އެއްގޮތަށް އެޗްޑީސީގެ ނަން ކިޔަން ނިންމައިފި އެވެ.
އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ބްރޭންޑް "އާބަންކޯ" އަށް ބަދަލުކުރަން ނިންމީ، ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ގޮތުގައި މަސައްކަތްތައް ބައްޓަން ކުރަން ކަމަށެވެ.
އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލު ކުރިއިރު، މުވައްޒަފުންގެ ޔުނީފޯމަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި ކުންފުނީގެ މައި އޮފީހާއި އުޅަނދުތަކުގެ ޑިޒައިނަށް ވެސް ބަދަލު ގެނަ އެވެ. އެކަމަކު ކުންފުނީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އޭރުގައި ވެސް ބޭނުން ކުރި ކުލަ ކަމުގައިވާ ފެހި ކުލަ އެވެ.
މި މަހުގެ ކުރީކޮޅު ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެޗްޑީސީއިން އާބަންކޯ ބްރޭންޑިން އިފްތިތާހުކޮށް، އެ މަސައްކަތް ކުރިއިރު އެ ކަމުގައި ގާނޫނީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.
"މަތިމަތިން ސުޕަފިޝަލް ގޮތަކަށް ނަން ބަދަލުކޮށްލާފައި އޮތަސް، ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް އާބަންކޯ ކިޔާކަށް. ގާނޫނީ ގޮތުން ކުންފުންނަށް ކިޔަނީ އެޗްޑީސީ. އެއްވެސް ބަދަލެއް ނެތް ގެނެސްފައެއް، މިދިޔަ ސަރުކާރުން އެ ނަން ބަދަލުކޮށްލިއިރު،" ރައީސް ވިދާޅުވެފައިވެ އެވެ. "އެ ނަން ބަދަލުކޮށްލިއިރު، ބޮޑަށް ހީވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ކަމަށް. ގާނޫނީ އެއްވެސް ކަމެއް ނެތް ކޮށްފައެއް."