އިޒްރޭލުން ހަމާސް ނައްތާލުމަށް ކަމަށް ބުނެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ދަނޑިވަޅެއްގައި އެގައުމުގެ ދިފާއީ ބާރާއި ގުޅުމަށް ޒުވާނުން ދެކޮޅު ހަދަން ފަށައިފި އެވެ.
އިޒްރޭލުގެ ގާނޫނުގައިވާ ގޮތުން މިލިޓަރީއަށް ޚިދުމަތް ކުރުމަކީ އެ ގައުމުގެ ހުރިހާ ޔަހޫދީންގެ މައްޗަށް މަޖުބޫރު ކަމެކެވެ. މީގައި ދީނީ ސަބަބުތަކަށްޓަކައި ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި ބައެއް ހާލަތުތަކުގައި އެ ޚިދުމަތުން ދޫ ދިންކަމަށް ވިޔަސް އެއީ އާންމުކޮށް އިޒްރޭލްގެ ހުރިހާ ޔަހޫދީންކުރުން މަޖުބޫރު ކަމެކެވެ.
އިޒްރޭލްގެ ތަލްއަވީވުގެ ޒުވާން ކުއްޖެއް ކަމުގައިވާ އުމުރުން 18 އަހަރުގެ ތަލް މިތުނިކް އަކީ އެގައުމުގެ ތާރީޚުގައި މިލިޓަރީ ޚިދުމަތަށް ދެކޮޅު ހެދުމުގެ ސަބަބުން ޖަލަށްލި ފުރަތަމަ ކުއްޖާ އެވެ. މިތުނިކް ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިޒްރޭލްގެ މިލިޓަރީ ރަޖިސްޓްރީ ކުރާ އޮފީހެއްގެ ދޮށަށް އޭނާއަށް ތާއީދު ކުރާ ޒުވާނުންތަކަކާ އެކު ގޮސް މިލިޓަރީ ޚިދުމަތަށް ދެކޮޅު ކަމަށް ބުނެފަ އެވެ.
"އަހަރެން ގަބޫލު ކުރާ ގޮތުގައި ކަތިލުމުން ކަތިލުން ނުހުއްޓުވޭނެ،" މިލިޓަރީ ސާވިސްއާ ދެކޮޅު ހަދާކަން ހާމަކޮށް އޭނާ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި އޭނާ އިތުރަށް ބުނެފައި ވާގޮތުގައި ގާޒާގައި އިޒްރޭލްން ހިންގަމުން ގެންދާ ކްރިމިނަލް ޖަރީމާތަކުން ހަމާސް އިން ހިންގާ ގަތުލު ކުރުންތަކެއް ނުހުއްޓުވޭނެ އެވެ. އަނިޔާވެރިކަމުން އަނިޔާވެރިކަމެއް ނުހުއްޓުވޭނެ އެވެ. އެ ގަބޫލުކުރުންތަކަކީ އޭނާ އިޒްރޭލްގެ ދިފާއީ ބާރާ ނުގުޅެން ނިންމި ސަބަބު ކަމަށް ބުނެފައިވެ އެވެ.
މިތުނިކް ލިޔުމުން ނެރުނު ބަޔާނެއްގައި ވާގޮތުން އޮކްޓޯބަރު 7 ގެ ހަމަލާ އާ ވިދިގެން އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަކީ އިޒުރޭލާއި ގާޒާގައި ދިރިއުޅެމުން ގެންދާ އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭ ކަންތަކެއް ނޫނެވެ.
"ގާޒާގައި ބިންމަތީ ހަމަލާ ފެށިތާ ހަފުތާތަކެއް ވުމަށް ފަހުވެސް ރަހީނުން އަނބުރާ ގެނެވުނީ ވާހަކަތަކާއި މަޝްވަރާގެ ތެރެއިން ކަން އަހަރެމެން އެންމެން ވެސް ގަބޫލު ކުރަން ޖެހޭ. މަރުވި ރަހީނުން މަރުވެފައި ވަނީ އިޒުރޭލުގެ ހަމަލާގެ ސަބަބުން. މިތުނިކު ބުނެފައި ވެއެވެ. "ގާޒާގައި ކުށެއް ނެތް އާންމުނެއް ނޫޅޭނެ ކަމުގައި ފަތުރާފައި އޮންނަ ދޮގުގެ ސަބަބުން ހުދު ދިދަ ހިފައިގެން އަތް މައްޗަށް ނަގައި ހިބުރޫ ބަހުން ހަޅޭއް ލަވަމުން ގެންދިޔަ ރަހީނުންގެ ގަޔަށް ވެސް އިޒުރޭލު ސިފައިން ވަނީ ބަޑި ޖަހައި މަރާލައިފައި. ފެންސުގެ އަނެއް ފަރާތަށް ވިހެއުމަކީ އެމީހުންގެ ހަމަ އެކަނި ކުށަށްވެ ތަހުގީގު ނުކުރެވި ހުރީ މިފަދަ ކިތައް ހާދިސާ ކަމެއް ވެސް ނޭނގެ،" އޭނާ ބުނެފައިވެ އެވެ.
އައިޑީއެފާ ގުޅެން ދެކޮޅު ހެދުމުގެ ސަބަބުން ތަލް މިތުނިކަށް މިހާރުވަނީ 30 ދުވަހަށް މިލިޓަރީ ޖަލެއްގައި ބަންދުކުރުމަށް ހުކުމް ކޮށްފަ އެވެ. އެ މުއްދަތު ހަމަވުމަށް ފަހު ވެސް އިތުރު އަދަބު ލިބުމުގެ ފުރުސަތު ބޮޑެވެ.
އިޒްރޭލްގެ ޔަހޫދީންނަށް ދިފާއީ ބާރަށް ޚިދުމަތް ކުރުމަކީ ގާނޫގައި މަޖުބޫރުކަމެއް ކަމުގައި ވިޔަސް ދީނީ ސަބަބުތަކާ ހުރެ ބައެއް ފަރާތްތަކަށް އެ ކަމުން ބަރީއަވުމުގެ ފުރުސަތު އޮވެ އެވެ. އެހެނަސް ސިޔާސީ ސަބަބެއް އުޒުރެއް ކަމަށް ނުބަލަ އެވެ.
އިޒްރޭލްގައި ބައެއް ފަހަރަށް މިލިޓަރީ ޚިދުމަތާ ބައެއް ގްރޫޕްތަކުން ދެކޮޅު ހެދުމުގެ ކޭސްތައް ފެންމަތިވި ކަމުގައި ވިޔަސް 2023 ގައި މިކަން ދިޔަ ހިސާބަކަށް މީގެ ކުރިއަކުން ގޮސްފައި ނުވެ އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަން ކޭސްތައް ފެންމަތިވުމާއި ކޯޓުތަކުގެ މައްޗަށް އޭނާގެ ބާރު ހިނގާގޮތަށް ގާނޫނުތައް ބަދަލުކުރުން ފަދަ ކަންތަކާ ހެދި ގިނަ ރައްޔިތުން ވަނީ ސަރުކާރު ދެކެ ވަރަށް ބޮޑަށް ފޫހިވެފަ އެވެ. އެ ސަބަބުތަކާ ހެދި އިޒްރޭލްގެ ދިފައީ ބާރަށް އެއްބާރުލުނު ނުދޭން ބައެއް ގްރޫޕްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ.
"މިލިޓަރީ ޚިދުމަތަށް ނޫނެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނޯނަނާނެ. އެއީ އަހަރެމެންގެ ގައުމު އަހަރެމެންގެ ބިމުގައި ދެމި އޮތުމުގެ އެންމެ އިސް އަދި އެންމެ މުހިންމު ބިންގާ،" މިލިޓަރީ ޚިދުމަތާ ދެކޮޅަށް އުފުލުނު އަޑުތަކާ ގުޅިގެން ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.
ނަތަންޔާހޫގެ ވެރިކަން ހިންގުމުގެ ޚުދުމުޚުތާރު ކަމާއި ކަރަޕްޝަނާއި އަލަށް މީހުން އާބާދުކުރާ ފަލަސަތީނުގެ ބިންތަކުގައި އަމަލުކުރާ ހަރުކަށިކަމާ އިޒްރޭލްގެ ގިނަ ޒުވާނުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެފަދަ ޒުވާނުން ދެކޭ ގޮތުގައި ނަތަންޔާހޫ ފަދަ ވެރިޔަކު ގައުމު ހިންގުމާ ހަވާލުވެ ހުންނަވަނިކޮށް މިލިޓަރީއާ ގުޅުމަކީ ގައުމުގެ މަސްކަހަތާއި އެމީހުންގެ އަމިއްލަ ދިރި އުޅުމަށް ވެސް އޮތް ބިރެކެވެ.
އެހެންކަމުން ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވުޒާރާ އަށް ނޫނެކޭ ބުނަން ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ތައްޔާރު ވަމުންނެވެ. ތަލް މިތްނިކް އަކީ ކެރިގެން އެކަމާ ކުރިމަތިލި ފުރަތަމަ ކުއްޖާ އެވެ. އޭނާގެ ފަހަތުން އެތައް ޒުވާނުނެއް އަންނާނެ ކަމަށް ބެލެވެ އެވެ.