ފަލަސްތީނުގެ ގާޒާއަށް އުފަން އުމުރުން 13 އަހަރުގެ އަވްނީ އިލްދޫސް ވަނީ އިޒްރޭލްގެ ސިފައިން ގާޒާއަށް ރަހުމެއް ނެތް ގޮތުގައި އޮއްސާލި ބޮންތަކުގެ އަމާޒަކަށްވެ ޝަހީދުވެފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަވްނީ ދުނިޔޭގައި ހުރެ ދެކެމުން އައި ހުވަފެން މިވަނީ ހަގީގަތަކަށް ވެފަ އެވެ.

އަވްނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި 2022 ވަނަ އަހަރު ކުރު ވީޑިއޯއެއް ޕޯސްޓް ކުރި އެވެ. އެ ކުރު ވީޑިއޯގައި ގޭމް ކުޅޭ ހެޑްފޯނެއްގައި ހުރެ އަވްނީ ބުނީ އޭނާގެ އުންމީދަކީ އެ ޗެނަލަށް އެއް ލައްކަ މީހުން ސަބްކްރައިބް ކުރުން ކަމަށެވެ.

"އަހަންނަކީ ފަލަސްތީނުގެ ގާޒާގެ 12 އަހަރުގެ ކުއްޖެއް. މި ޗެނަލުގެ ބޭނުމަކީ އެއް ލައްކަ ސަބްސްކްރައިބާސް ހޯދުން. ނޫނީ ފަސް ލައްކަ، ނޫނީ އެއް މިލިއަން،" ޔޫޓިއުބް ވީޑިއޯގައި އަމިއްލައަށް ތައާރަފް ވަމުން އަވްނީ ބުންޏެވެ.

އެއަށް ފަހު އަވްނީ ވަނީ ގާޒާ އަށް ސުލްހައަށް އެދެމުން ނިންމާލައެވެ. އޭރު އެ ޗެނަލްގައި 1000 މީހުން ސަބްސްކްރައިބް ކޮށްފައިވެ އެވެ.

އަވްނީ ދެ ދައްތަ އާއި ދެ ކޮއްކޮ އާ އެކު

ހަމާސް އިން އިޒްރޭލް ހައިރާން ކޮށްލާފައި ދިން ހަމަލާއަށް ފަހު އިޒްރޭލުން ގޮތެއް ފޮތެއް ނުބަލައި ގާޒާއަށް ބޮންތައް އޮއްސާލިއިރު އަވްނީގެ އާއިލާ ދިރިއުޅެމުން އައީ ގާޒާގެ ޒައިތޫނި އަވަށުގެ ތިންބުރިޔަށް ހުރި އެމީހުންގެ އާއިލީ ގޭގަ އެވެ. އެ ގޭގެ ތިން ފަންގި ފިލާގައި ދިރިއުޅެމުން ގެންދިޔައީ އަވްނީގެ އާއިލާގެ އެކި ގޮފިތަކުގެ މީހުން ވަކި ވަކި ފަންގިފިލާތަކުގަ އެވެ.

އަވްނީ ދިރިއުޅުނު ފަންގިފިލާގައި އުޅުނީ އަވްނީ އާއި އޭނާގެ މަންމަ އާއި ބައްޕައާއި ދެ ދައްތަ އަދި ފިރިހެން ދެ ކޮއްކޮ އެވެ. ގާޒާ އަށް އިޒްރޭލުން ފުރަތަމަ އޮއްސާލި ބޮންތަކާއެކު އަވްނީގެ ގެއަށް ދެ ބޮން އަމާޒުވެ، އެ ގެ ފުނޑުފުނޑުވެގެން ދިޔައިރު އެ އާއިލާގެ ހުރިހާ މެމްބަރުން ވަނީ ޝަހީދުވެފަ އެވެ.

އަވްނީ އޭނާގެ ޓީޗަރަކާ އެކު

އަވްނީގެ ބޮޑު ބޭބެ މުހައްމަދު ބުނި ގޮތުގައި އެ ގެއަށް ވެއްޓުނު ބޮން އައީ ކުއްލިއަކަށެވެ. އެކަމަށްޓަކައި ކުރިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެވެ. މުހައްމަދު ބުނި ގޮތުގައި އޭނާގެ ދެމަފިރިން އެ ހަމަލާއިން ސަލާމަތްވުމުގެ ނަސީބު ލިބުނީ އެންމެ މަތީ ފަންގިފިލާގައި ދިރިއުޅުމުގެ ސަބަބުންނެވެ.

އަވްނީގެ އާއިލާއަށް ދިން ހަމަލަވެގެން ދިޔައީ ޔުނިސެފާއި ހިއުމަން ރައިޓްސް ޖަމާއަތްތަކުން ވެސް ސަމާލުކަމަށް ގެނައި ހާދިސާއަކަށެވެ. އަވްނީގެ މަރުވީ ގާޒާގައި ޝަހީދުވެގެންދާ ކުޑަ ކުދިންގެ ރަމްޒު ކޮށްދޭ ނިޝާނަކަށެވެ.

އަވްނީގެ ގެ ސުންނާފަތި ކުރި ހަމަލާ އާ ބެހޭގޮތުން އިޒްރޭލްގެ ދިފާއީ ބާރުތަކުން ވަކި އެއްޗެކޭ ނުބުނެ އެކަމާ ކުރިމަތިވި ސުވާލުތަކަށް ދިން ޖަވާބަކީ އެމީހުންގެ ހަމަލަ އަމާޒުކޮށްފައި ވާނީ ހަމާސްގެ ޓާގެޓްތަކަށް ކަމަށެވެ. ހަމަ އެއާއެކު އިޒްރޭލްގެ ސަލާމަތީ އިދާރާއިން ބުނެފައި ވަނީ އެމީހުންގެ ހަމަލާތަކުގައި ކުޑަކުދިންނާއި އާންމުން މަރުވަމުންދާތީ ހިތާމަކުރާ ކަމަށާއި އެފަދަ ހާލަތުތައް ވަރަށް ރަނގަޅަށް ބަލައި ދިރާސާކުރަމުން ގެންދާ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާ ކަމަށެވެ.

އަވްނީ

އަވްނީގެ ފޭސްބުކްގައި ޝެއާކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެއްފޮޓޯގައި އޭނާ ކޮމްޕިއުޓަރު މަދަބޯޑެއް ހިފައިގެން ބްލެކް ބޯޑެއްގެ ކުރިމަތީގައި އެހެން ކުދިން ލީޑްކުރާ މަންޒަރު ދައްކައިދޭ ފޮޓޯއެއް ހުއްޓެވެ. އެއީ އެއީ "ލިޓްލް ޓީޗާސް" ސްކީމްގެ ދަށުން ހިނގި ހަރަކާތެއްގެ ތެރެއިން ނަގައިފައިވާ ފޮޓޯއެކެވެ. އަވްނީ ޝާހީދު ވުމާއެކު އޭނާގެ ޓީޗަރަކު ވަނީ އަވްނީއާއެކު ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އަބަދަށް ދެމިގެންދާ ހިނިތުންވުމެއް ކަމަށް ލިޔެފަ އެވެ. އަވްނީގެ ސްކޫލް ޕޭޖްގައިވާ ގޮތުން އަވްނީ ވަނީ ތަފާތު އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.

އަވްނީގެ އާއިލާގެ 15 މެނަބަރުން އެއްފަހަރާ ޝަހީދުވެގެން ދިޔަ ހަމަލާއަށް މާގިނަ ދުވަހެއް ނުވަނީސް އޭނާގެ ޔޫޓިއުބް ޗެނަލް ވަނީ މިލިއަން ހިޓް ފަހަނަޅައި ގޮސްފަ އެވެ.

އަވްނީގެ ޔޫޓިއުބް ޗެނަލް ފޮލޯކުރި މަޝްހޫރު މީހުންގެ ތެރޭގައި ކުވޭތުގެ ގޭމާ އަބޫ ފަލާހް ހިމެނެ އެވެ. އަވްނީއާ ބެހޭ ގޮތުން ބީބީސީއަށް ދިން އިންޓަވިއުގައި އަބޫފަލާހަށް ކަރުނަ ހިފެހެއްޓޭ ވަރެއް ނުވި އެވެ.

އަބޫ ފަލާހު އޭނާގެ ޗެނަލްގައި އަވްނީއާ ބެހޭގޮތުން ގެނެސްދިން ވީޑިއޯއެއްގައި ކަރުނަ ނުހިފެހެއްޓިގެން ކެމެރާ ދޫކޮށްލާފައިދާ މަންޒަރު ފެނެ އެވެ. އަބޫ ފަލާހަށް އަވްނީ ފޮނުވާފައި ހުރި މެސްޖްތައް އޭނާއަށް ފެނުނީ އަވްނީ ޝަހީދުވި ފަހުންނެވެ. އެ މެސެޖްތަކުގައި އަބޫ ފަލާހަކީ އޭނާގެ ރޯލް މޮޑެލް ކަމަށް ބުނެފައިވެ އެވެ.

"ވީޑިއޯގައި ފެންނަ މަންޒަރު ހިތަށް ސިފަވުމުން އަހަރެންގެ ލޮލުން ކަރުނަ ނުހިފެހެއްޓޭ،" ބީބީސީއަށް ދިން އިންޓަވިއުގައި އަވްނީގެ ވީޑިއޯ އާ ބެހޭ ގޮތުން އަބޫފަލާހު ބުންޏެވެ.

އަބޫ ފަލާހު އިތުރަށް ބުނި ގޮތުގައި އަވްނީ އޭނާ ރޯލް މޮޑެލަކަށް ބެލިކަން އެނގުމަކީ ވަރަށް އަސަރު ކުރުވި ކަމެކެވެ.

އަވްނީގެ ވީޑިއޯއަށް އެހާ ބޮޑު ސަމާލުކަމެއް ލިބުނީ ކީއްވެތޯ ސުވާލު ކުރުމުން އަބޫ ފަލާހު ބުނީ ފޭނުންނަށް އެމީހުންގެ ނަފުސް އަވްނީ އިން ސިފަވާ ކަމަށެވެ.

"އަހަރެމެން އެންމެންނަކީ ވެސް އަވްނީ." އަބޫ ފަލާހު ބުންޏެވެ.

އަވްނީގެ އާއިލާގެ ގިނަ ބަޔަކާއެކު ޝަހީދުވެފައިވާއިރު އެ އާއިލާގެ މަރުން ސަލާމަތްވި ތިމާގެ މީހުންނަށް އޮތް ހިތްހަމަޖެހުމަކީ އަވްނީ ދުނިޔެއިން ހާސިލް ކުރަން ބޭނުންވި އުންމީދު އޭނާ ނެތް ދުނިޔޭގައި ނަމަވެސް ހާސިލްވުމުގެ އުފަލެވެ.