އަވަސް އަރުވާލައިގެން ގެއިން ބޭރަށް ދާން ނުކުންނަމުން ފޯނު ބަލާލިއިރު ޗާޖު ހުސްވެގެން "މަރުވަނީ" އެވެ. ނުވަތަ ކިތަންމެ ވަރަކަށް ޗާޖު ކުރިޔަސް އަވަހަށް ޗާޖު ދާ ވަރުން ރުޅިގަދަ ވަނީ އެވެ. މި ކިޔައިދެނީ ގިނައިރު ބެޓެރި ހިފެއްހެއްޓިދާނެ ގޮތްތަކެކެވެ.
އެ ފޯނެއްގެ ޗާޖަރު ބޭނުން ކުރުން
ކޮންމެ ފޯނަކަށް ވެސް ދީފައިވާ ޗާޖަރަކީ އެ ފޯނަކަށް ހާއްސަ ސްޕެސިފިކޭޝަން ތަކަކާއެކު ތައްޔާރު ކޮށްފައިވާ ޗާޖަރެކެވެ. އެހެން ކަމުން ކޮންމެ ކޮންމެ ޗާޖަރެއްގެ ބަދަލުގައި ފޯނާއެކު ލިބުނު ޗާޖަރުން ޗާޖު ކުރުމަކީ ގިނައިރު ބެޓެރި ހިފަހައްޓާނެ ކަމެކެވެ.
ސޮކެޓަކަށް ޖަހައިގެން ޗާޖު ކުރުން
ގިނަ މީހުން އޮފީހުގައި އުޅޭއިރު ފޯނު ޗާޖަށް ޖަހައިގެން އިންނާނީ ޔޫއެސްބީއެއް ބޭނުން ކޮށްގެން ލެޕްޓޮޕަށެވެ. އެކަމަކު އަވަހަށް ޗާޖު ކުރަން ބޭނުންނަމަ އަދި ގިނައިރު ޗާޖު ހިފަހައްޓަން ބޭނުންނަމަ މިއީ އެންމެ ރަނގަޅު ހައްލަކަށް ނުވާނެ އެވެ. ސަބަބަކީ ލެޕޮޓޮޕަކަށްވުރެ ސޮކެޓެއްގެ ވޮލްޓޭޖް މަތި ވާނެތީ އެވެ.
އަވިން ރައްކާތެރި ކުރުން
އަވީގެ ހޫނުންވެސް ބެޓެރި ހޫނުވެ ބެޓެރީގެ ކެޕޭސިޓީއަށް އަސަރު ކުރާނެ އެވެ. އެހެން ކަމުން ގިނައިރު ހޫނުގައި ފޯނު ނުގެންގުޅުުން މުހިއްމެވެ. ނޫންނަމަ މާ ބޮޑަށް ބެޓެރި ހޫނުވުމުން ސޮފްޓްވެއާތައް ރަނގަޅަށް މަސައްކަތް ނުކުރުމާއި ބެޓެރިން އަވަހަށް ޗާޖު ދިއުން ކަހަލަ ކަންތައްތައް ކުރިމަތިވާނެ އެވެ.
ޗާޖުކުރުމުގެ ކުރިން ކަވަރު ނައްޓާލާލުން
އާންމުކޮށް ޗާޖުކޮށް ނިމޭއިރުވެސް ފޯނު ހޫނުނަމަ އެންމެ ރަނގަޅުވާނީ ޗާޖު ކުރުމުގެ ކުރިން ކަވަރު ނައްޓާލުމެވެ. އެއީ ބައެއް ކަހަލަ ފޯނު ކަވަރުތަކުގެ ސަބަބުންވެސް ހޫނު އުފެދި އޭގެ އަސަރު ބެޓެރިއަށް ކުރެ އެވެ. އެގޮތުގެ މަތިން ޗާޖު ގިނައިރު ހިފަހައްޓާނެ އެވެ.
ޗާޖިން ޕޮޓުގެ ސާފު ކުރުން
ފޯނުގެ .ޗާޖިން ޕޮޓަކީވެސް ލޮލަށް ނުފެންނަހާ ކުދިކުދި އެއްޗެހިން ފުރި، ހަޑިވާނެ ތަނެކެވެ. ނުސާފު ޕޮޓަކަށް ޗާޖަރު ޖަހައިގެން ޗާޖު ކުރާނަމަ ރަނގަޅަށް ޗާޖު ނުވެ އަވަހަށް ފޯނު "މަރުވާ" ގޮތް ވެދާނެ އެވެ.
ފޯނު މަރުވަނީ ކިހިނެތް ހެއްޔެވެ؟ މި ލިޔުމުގައި ފޯނު މަރުވުން މިހެން ގެނެސްފައިވާތީ ވަރަށް ހުތުރެވެ.