ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ދާއިރާއާ ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ކަން އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިރު، ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ވާދަވެރިންނާއި އެމަނިކުފާނަށް ފުރައްސާރަކޮށް މަލާމާތްކުރާ ހަތުރުންނަކީ ވެސް މަސައްކަތުގެ ބައިވެރިންނާއި އެހީތެރިންނެވެ. އެހެންވެ، އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގަންނަވަނީ އަހަރުތަކަކަށް ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުން އެމަނިކުފާނާ މެދުގައި ބެހެއްޓެވި ގާތްކަމާއި ކުރި އިތުބާރާއި އިހްތިރާމާއި ގަދަރަށް ޝުކުރު ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށެވެ. ރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމަކީ ކުރެއްވި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. މިކަންކަން މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް އަށަގެންފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މި ސިޔާސީ މަސައްކަތުގައި އަޅުގަނޑަށް ވަނީ ނުހަނު އަނިޔާ އާއި ހިތާމަވެރިކަމާއި އަނިޔާވެރިކަން ލިބިފަ އެވެ. ޖަލުގެ އަނިޔާ އާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރަން ޖެހުނެވެ. އަޅުގަނޑުގެ އާއިލާއާ ދުރުގައި އުޅެން ޖެހި، މުޅި ޒާތީ ހަޔާތް ވަނީ ބަރުބާދުވެފަ އެވެ. ބޮމުގެ ހަމަލާ އިން މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފަ އެވެ. ނަމަވެސް މި މަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ލިބިފައިވެ އެވެ. އަޅުގަނޑު ބޮލުގައި އެޅުނު ކޮންމެ މަޅިއެއް މާފައްޗަކަށް ވަނީ ބަދަލުވެފަ އެވެ. މިކަމަށްޓަކައި އަޅުގަނޑު މާތް ރަސްކަލާނގެ އަށް އިންތިހާ އަށް ކުއްތަންވުމެވެ،" ނަޝީދަށް އަމާޒުކޮށް މެއި 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ ވާހަކަ ފާހަގަ ކުރައްވައި ވިދާޅުވި އެވެ.
ނަޝީދު ސިޔާސީ ދާއިރާއާ ވަގުތީގޮތުން ދުރަށް ޖެހިވަޑައިގަންނަވާ ސަބަބެއް ކަމަށް ވިދާޅުވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނަރަލްކަން ކުރެއްވުމަށެވެ. ނަޝީދު ވިދާޅުވީ އަންނަ މަހުން ފެށިގެން އެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށާއި މި ޖަމާއަތުގެ ވަޒީފައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ވީ މިންވަރަކުން ހިދުމަތް ކުރެއްވި ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ރައީސްކަމުގައި އެންމެ ބޮޑަށް މަސައްކަތްކުރީ އިޖުތިމާއީ ރައްކާތެރިކަން ހޯދާދިނުމުގެ ނިޒާމަކާއި ޓެކްސްގެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ. މި ދެ ކަންކަން ކޮންމެވެސް ވަރަކަށް ފުރިހަމަވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މަޖިލީހުން އެކުލަވާލި ގާނޫނުތައް ފާސްވެފައި ވުމަކީ ލިބޭ އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ފަރުތަކާއި ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހިނގާކަމީ ލިބޭ ދެރައެއް ކަމުގައި ވިދާޅުވި އެވެ. އަދި އެކަންކަން އިސްލާހު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
މާތްކަން ބޮޑީ ހަހަހަ