"އިންޑިއާ އައުޓް" ނަމުގައި މިހާރު އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ކެމްޕެއިނަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ހަރަކާތެއް ކަމަށާއި އައިއެސްސީގެ މަގްސަދަކީ ރާއްޖެ ހިފުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ލިޔުއްވި މެސެޖެއްގައި ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކަމެއް ކަމަށާއި އެކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ޖާގަދެމުންދާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ހަރުކަށި މީހުން އަޑީގައި ތިބެގެން ހިންގާ ހަރަކާތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމް އެއްބާރުލުންދީ އެ މީހުންގެ ނާޖާއިޒު ފައިދާ އިދިކޮޅު ބޭފުޅުން ނަންގަވަމުން އެބަގެންދަވަ އެވެ.

އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މަސައްކަތް ކުރައްވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމުގައިވާ އައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށެވެ. ޕީޕީއެމް އިން ކުރާ އެ މަސައްކަތުގެ ސަބަބުން ރާއްޖެ މިނިވަންކަމަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި، ދަށު ދަރަޖައިގެ ކަމެއް. ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަންތައް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުން ގޮވާލައި "އިންޑިއާ އައުޓް" ހޭޝްޓެގާ އެކު މީސް މީޑިއާ ކެމްޕޭނެއް ހިންގަމުންދެ އެވެ. އެ ކެމްޕޭންގައި ވެސް އިސްކޮށް އުޅޭ މަންޒަރު ފެންނަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ.

"އަޅުވެތިކަމާއި ވައްކަމާ ދެކޮޅަށް" ޒުވާނުންގެ ސައިކަލު ބުރެއް އިއްޔެ މާލޭގައި ބޭއްވި އިރު، އެ ހަރަކާތުގެ ތެރެއިން 41 މީހުން ހައްޔަރު ކުރިއެވެ. އެ ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ކޯލިޝަނުން ބުނާ ގޮތުގައި ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވިޔަސް އެއީ ޒުވާނުންތަކެއް އިސް ނަގައިގެން ހިންގި ހަރަކާތެކެވެ.