އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެވެ.
މިދައުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ގިނައިން ދިރިއުޅުއްވާނީ ރާއްޖޭގައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެން އަންނަ އިންތިހާބަކަށް ކުރިމަތި ނުލާނެ. އަޅުގަނޑުގެ އެހެން މަސައްކަތް ވަރަށް ގިނަ. އެކަމު ރާއްޖޭގައި ގިނައިން އުޅޭނީ." ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު 19 ވަނަ މަޖިލިހަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. މަޖިލިހުގެ ދައުރު ފެށިގެން ދިޔައީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ އެވެ.
އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގައި ނަޝީދުއާއި ރައީސް ސޯލިހާ ދެބޭފުޅުންގެ މެދުގައި މައްސަލަ ޖެހި ނަޝީދު ވަނީ އެންމެ ފަހުން އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދަވާފަ އެވެ.
މި ދައުރުގެ މަޖިލީހުގެ ރައީސްކަން ގިނަ ދުވަހު ކުރެއްވި ނަޝީދު އެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވީ އެ މަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ އެތައް ހުރަހެއް އެޅުއްވުމަށް ފަހުގަ އެވެ.
ރައީސް ނަޝީދު މަޖިލީހުގެ ގޮޑިއަށް ވާދަނުކުރައްވާނެކަން ހާމަކުރައްވާފައިވާއިރު އެމަނިކުފާނު ލީޑްކުރައްވާ ދަ ޑިމޮކްރެޓްސްއިން އަންނަނީ މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ ގޮޑި ކާމިޔާބުކުރުމުގެ އަމާޒުގައި މަސައްކަތްކުރަމުންނެވެ.