މިއަދަކީ ދިވެހި ޖުމްހޫރިއްޔާގެ ތާރީހުގައި ލިޔެވޭނެ ދުވަހެކެވެ. ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަގާމުގެ ހުވާ ކުރައްވާއިރު މިއީ ނިމިދިޔަ ރިޔާސީ ދައުރާއި އަންނަން އޮތް ރިޔާސީ ދައުރުގެ ކަންކަމާމެދު ނަޒަރު ހިންގާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިއަށް ބަލާލާއިރު ވެސް ފެންނަނީ ހަމަ މިފަދަ މަންޒަރެކެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް އަރާ ވަޑައިގަންނަވަން ތައްޔާރުވަމުން ދިޔައިރު އެމަނިކުފާނުގެ ފުށުން ވެސް ދިވެހިން އުއްމީދު ތަކެއް ކުރި އެވެ.
އެ މަނިކުފާނު ވެސް މަގާމުގެ ހުވާ ކުރެއްވީ ގިނަ ވައުދުތަކަކާއެކުގަ އެވެ. ދިވެހި ގައުމުގެ ގައުމިއްޔަތާއި އިގްތިސާދު ހަމައަކަށް އަޅުވައިދޭނެ ކަމަށް ވިދާޅުވަމުންނެވެ. ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި ދިރިއުޅުމުގެ އާއްމު ހާލަތު ރަނގަޅު ކޮށްދެއްވާނެ ކަމަށް އަހުދު ވަމުންނެވެ.
ހިނގަމުން އަންނަ ރިޔާސީ ދައުރު ނިމެންދާއިރު ރައީސް ސާލިހުގެ ޒައާމަތުގައި ދިވެހި ރާއްޖެއަށް ލިބުނު ތަރައްގީ މިނެކިރަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ. މި ރިޔާސީ ދައުރުގެ ފަސް އަހަރުގެ ތެރެއިން ގާތްގަނޑަކަށް ދެ އަހަރު ހޭދަވީ ކޮވިޑް 19ގެ އާލަމީ ވަބާގެ ތެރޭގަ އެވެ. އެ ހާލަތުގައި މި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާމެދު ގޮތް ނިންމާނީ ވެސް ހަމަ ރައްޔިތުންނެވެ.
ދެން އޮތީ އަންނަން އޮތް ފަސް އަހަރުގެ ވާހަކަ އެވެ. އުއްމީދުތަކަކާއެކު ދިވެހި ރައްޔިތުން ޑރ. މުއިއްޒަށް ދެއްވި ވޯޓާއެކު މިއަދު ދިވެހި ގައުމުގެ ޒިންމާއާ އެ މަނިކުފާނު ހަވާލުވެ ވަޑައިގަންނަވާނެ އެވެ. މަލްޓި ޕާޓީ ސިސްޓަމްއެއްގެ ދަށުން ކޯލިޝަން ސަރުކާރަކާއެކުގަ އެވެ.
އެހެން ރައީސުންނެކޭ އެއްފަދައިން ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ވެސް ދިވެހިންނަށް "ފާގަތި ބޮޑު މަންޒަރެއް" ކުރަހައިދީފައިވެ އެވެ. އުމްރާނީ ތަރައްގީއާއި އިގްތިސާދީ ތަނަވަސްކަމާއި އިޖްތިމާއީ ބަދަހިކަމާއި ސިޔާސީ ހަމަޖެހުމަކީ ޑރ. މުއިއްޒުގެ މެނިފެސްޓޯގެ އަސާސްތަކެވެ.
ކޮންމެއަކަސް ޑރ. މުއިއްޒުގެ ވެރިކަން ވެސް ދިވެހި ރައްޔިތުން ދެކޭނެ އެވެ. ރައްޔިތުންގެ އިތުބާރާއެކު ގައުމު ހިންގުމުގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރައްވާ ގޮތް ވެސް ރައްޔިތުންނަށް ފެންނާނެ އެވެ. މިއަދުގެ ހާލަތާއި މީގެ ފަސް އަހަރު ފަހުން މި ގައުމު އޮންނާނެ ހާލަތު އެ ދުވަހުން ދިވެހި ރައްޔިތުން އަޅާކިޔާނެ އެވެ.
ޑރ. މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އިމްތިހާނަކީ އެއީ އެވެ. މެނިފެސްޓޯގައި ހިމެނޭ ކަންކަމުގައި ހަގީގީ ކުލަ ޖެހުމަކީ އަންނަން އޮތް ސަރުކާރުގެ ކާމިޔާބީ މިނެކިރަން ރައްޔިތުން ބޭނުން ކުރާނެ ހަތިޔާރެވެ.
އަޅުގަނޑުމެން އެދެނީ ކުރިއަށް އޮތް ސަރުކާރަށް ކާމިޔާބު ދުވަސްތަކެކެވެ. ދިވެހި ގައުމަށް އަދަށްވުރެ ފެހި މާދަމާ އެކެވެ. ދިވެހި ޖުމްހޫރިއްޔަތަށް ފާގަތިކަމެވެ.