ވައްކަމުގެ ތުހުމަތުގައި އާރުޑީސީގެ މެނޭޖަރެއްގެ ގެ ފާސްކުރިއިރު ރަލާއި ޑްރަގް ފެނިގެން އޭނާ ރޭ ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި އާރްޑީސީގެ މެނޭޖަރު ހައްޔަރު ކުރީގެ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ކޯޓު އަމުރެއްގެ ދަށުން އާރުޑީސީގެ އޮފީހަށް އިއްޔެ ވަދެފައިވާއިރު ރޭ ހައްޔަރުކުރި މެނޭޖަރުގެ ގެޔަށް ވެސް ވަނީ ފުލުހުން ވަދެ ބަލާ ފާސްކޮށްފަ އެވެ.
އޭނާ އުޅޭ ތަން ފާސްކުރިއިރު ބަނގުރާ ހުސްކުރި ފުޅި އާއި މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވާ ކަމަށް ވަނީ އެނގިފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އިއްޔެ ހެނދުނު އާރުޑީސީ އޮފީހަށް ވަނީ ކުންފުނީގެ އެކައުންޓުން ގެއްލުނު 13.8 މިލިއަން ރުފިޔަގެ މައްސަލައިގަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުން އާރުޑީސީ ތެރޭގައި ރޭ 11 ޖެހުމާ ހަމައަށް ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ އަދަދެއްގެ ލިޔެކިޔުމާއި ފައިލްތަކެއް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުން އަންނަނީ އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
އާރުޑީސީން ގެއްލުނު 13.8 މިލިއަން ރުފިޔާ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. މި މައްސަލާގައި ތުހުމަތު ކުރަނީ ޔާސިރު އަށާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އަށެވެ. އެހެން ނަމަވެސް އެކަން އާރުޑީސީން ދޮގު ކުރެ އެވެ.
އާރްޑީސީއަށް ފުލުހުން ވަދެފައިވާތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ މެދު ހިތްހަމަނުޖެހިގެން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މޫކޭ ވަނީ ހަމީދުގެ އުނދަގުލުން ސަލާމަތް ނުވެ ކުންފުނި ހިންގަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުން އިއްޔެގެ ވަގުތެއްގައި އާރްޑީސީއަށް ވަނީ ނޫހުގައި ސުރުހީއެއް އަޅާލުމުގެ ބޭނުމުގައި ކަމަށް ވެސް މޫކޭ ސިފަކުރައްވާފައިވެ އެވެ.