ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ ޖަލްސާ ފަށައިިފި އެވެ.
މިއަދުގެ ޖަލްސާއަށް ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ ގަވައިދުގެ ދަށުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނީ އެމްޑީޕީން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެވެ.
މި މައްސަލައިގައި މީގެ ކުރިން ބާއްވަން ކުޅުނު ޖަލްސާތައް ނުބޭއްވި މަޖިލިސް ހުއްޓިފައިވާތީ އެމްޑީޕީން ސްޕުރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ނައިބު ރައީސަށް ހާޒިރުވެވަޑައި ނުގެންނެވިއްޖެ ނަމަ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންނަށް ވެސް މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނެ އެވެ.
އެގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މަޖިލީހުން މި ގަރާރަށް ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ ޖުމްލަ ބަހުސަށް ތިން ގަޑިއިރެވެ. އޭގެ ތެރެއިން ނަޝީދުއަށް 30 މިނެޓުގެ އިތުރުން ކޮންމެ މެމްބަރަކަށް ތިން މިނެޓެވެ.
އެމްޑީޕީން ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު އެވެ. ފަންސާސް ހަތަރު މެންބަރުންގެ ސޮޔާ އެކު ހުށަހެޅި އެ މައްސަލަ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އަނބުރާ ގެންގޮސްފަ އެވެ.
އެކަމަކު 49 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ވަނީ ނަޝީދުގެ މައްސަލަ މިދިޔަ މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް އަލުން ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ނޯޓިސް އޭގެ ތިން ދުވަސް ފަހުން ފޮނުވައި މިދިޔަ މަހުގެ 29 އަށް ޖަލްސާ ތާވަލުކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ޖެހުނީ ކެންސަލްކުރާށެވެ.