ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވެއްޖެ ނަމަ ގަވާއިދުގެ ދަށުން އިތުބަރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހަވީރު ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގަ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީގެ ރައުޔުގައި ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސް އަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
މަހާޒުގެ އެ ރައުޔަށް ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ އެޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވޭ މައްސަލައިގެ ގަރާރު ހުށަހަޅާ ބަހުސްކޮށް ގޮތެއް ނިންމާ ތާވަލްކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނު އަސާސީންނާއި ގާނޫނުން އަދި މަޖިލީހުގެ ގަވައިދުގެ ދަށުން ލާޒިމްކުރާ އެހެނިހެން ކަމެއް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުރަހެއް ނެތް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން،" ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ގަވައިދުގެ 82 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން ރައީސްއާއި ނައިބު ރައީސް ހާޒިރުނުވެއްޖެ ނަމަ އެދުވަހެއްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ މަޖިލީހުގެ ގަވައިދުގެ މަތީން ކަމަށެވެ. އެއީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެމްޑީޕީން އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ. މީގެއިތުރުން އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.