ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާނުކޮށް ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރުމުން އެމްޑީޕީގެ މެމްބަރުން ތަޅުމުގައި އިހުތިޖާޖް ކުރައްވައިފި އެވެ.
ޖަލްސާ ފައްޓަވަން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތަށް ވަޑައިގެންނެވި އިރު، އެމްޑީޕީގެ މެމްބަރުން ރިޔާސަތުން އިންނަވާ ގޮނޑި ކައިރީގައި އެމްޑީޕީގެ މެމްބަރުން ތިއްބެވި އެވެ. އަދި ރިޔާސަތު މޭޒުކޮޅު ކުރިމަތީގައި ވެސް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އަޑު ގަދަ ކުރައްވަމުން ގެންދެވި އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، ރިޔާސަތުން އިންނަވާ މޭޒުކޮޅު ކައިރީގައި ހުންނެވި ތަނުން އަފީފް ވަޑައިގަންނަވާ ތަން ފެނެ އެވެ. އަދި ޖަލްސާ ފެށުމަށް މަސައްކަތް ކުރުމުން ނިހާދު އެކަމަށް ހުރަސް އަޅުއްވާ ތަން ފެނެ އެވެ. އަދި ދެ ބޭފުޅުން ދެމެދުގައި ހަމަނުޖެހުން ހިނގާ މަންޒަރު ފެނެ އެވެ.
އޭގެ ފަހުން ދެން ފެނިގެން ދަނީ މޭޒުގައި ހުރި ކަރުދާސްތަކެއް ނިހާދު އުކާލައްވާ މަންޒަރެވެ. އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަޑައިގެން އަފީފް އާ ވާހަކަ ދެއްކެވުމުން، އަފީފް އެ ތަނުން ވަޑައިގަންނަވާ ތަން ވީޑިއޯ އިން ފެނެ އެވެ.
މިއަދުގެ އެޖެންޑާގައި އޮތީ މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމެވެ.
ނަޝީދު ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައި ވަނީ 49 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އެމްޑީޕީން ހުށަހެޅި އެ މައްސަލައިގެ ނޯޓިސް ދިނުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި އެވެ. އެކަމަކު، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެ ދުވަހު ވެސް ސަލާމް ވިދާޅުވެފައި ވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވަނީ ދެ ޖަލްސާ ވެސް ނިންމަވާލައްވައިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އިރު، އެ މައްސަލަ ކޯޓުން ވަނީ ބަލައިގެންފަ އެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ފަސް މެމްބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރުންނަކީ މަޖިލިހުގައި ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައިވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.