އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީގެ ހަށިކޮޅު، އެތައް މިލިއަން ބަޔަކު ބައިވެރިވި ތާރީހީ ޖަނާޒާގެ ރަސްމިއްޔާތުތަކަށްފަހު، މަޝްހަދުގައި ފަސްދާނުލައިފި އެވެ.
އީރާނުގެ އެކި ކަންކޮޅުތަކުންނާއި ސަރަހައްދުގެ އެހެން ގައުމުތަކުން ޖަމާވި ގިނަ އަދަދެއްގެ މީހުން ވަނީ، ހަފުތާއަކަށް ދެމިގެންދިޔަ މި ހިތާމަވެރި ވަދާއީ ރަސްމިއްޔާތުތަކުގައި ބައިވެރިވެފަ އެވެ.
ފަސްދާނުލުމުގެ އެންމެ ފަހުގެ ކަންކަން ކުރިއަށްދިޔައީ ބުރާސްފަތި ދުވަހުގެ ރޭ، މަޝްހަދުގައި ހުންނަ "ދާރުލް ޛިކުރު" ގައެވެ.
ކަށުނަމާދު ބޭއްވުނީ "ޕަޔަންބަރު އައުޒަމް" މައިދާނުގަ އެވެ. މީގެ އިތުރުން، އާއިލާގެ މެންބަރުންނަށް ހާއްސަ ވަދާއީ ރަސްމިއްޔާތެއްވެސް ބޭއްވުނެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު މަޝްހަދުގައި ބޭއްވި އެންމެ ފަހުގެ ހިނގާލުމުގައި، މަގުތަކުން ފެނިގެންދިޔައީ މީހުންގެ ނިމުމެއް ނެތް ސަފުތަކެވެ. ކަށުނަމާދު އިމާމުވެ ކުރެއްވީ ހާމަނާއީގެ ދޮށީ ދަރިކަލުން މުސްތަފާ ހާމަނާއީ އެވެ.
މި ހިނގާލުމުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލާ ދެކޮޅު ޝިއާރުތައް އުފުލައި، އަދުލުއިންސާފު ގާއިމުކުރުމަށާއި ބަދަލުހިފުމުގެ ރޫހު ރަމްޒުކޮށްދޭ ރަތް ކުލައިގެ ދިދަތައް ވިހުރުވަމުންދިޔަ އެވެ.
ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުނީ މިދިޔަ ހުކުރު ދުވަހު އެވެ. މި ރަސްމިއްޔާތުތަކުގައި 45 އަށްވުރެ ގިނަ ގައުމުގެ ސިޔާސީ އިސްވެރިންނާއި 90 އަށްވުރެ ގިނަ ގައުމުގެ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ތެހެރާނާއި، ގުމް އަދި ޖަމްކަރާން މިސްކިތުގައިވެސް ބޮޑެތި ވަދާއީ ރަސްމިއްޔާތުތައް ބޭއްވުނެވެ. އަދި އިރާގުގެ ނަޖަފާއި ކަރުބަލާގައި 10 މިލިއަނެއްހާ މީހުން ޖަމާވެ، މި ހިތާމައިގައި ބައިވެރިވި އެވެ.
މި ތާރީހީ ވަދާއުގައި އަފްޣާނިސްތާން، ޕާކިސްތާން، އިންޑިއާ، ތުރުކީ އަދި ނައިޖީރިއާ ފަދަ ގައުމުތަކުން ގިނަ ބަޔަކު ބައިވެރިވި އެވެ.
އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވަނީ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެއީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި 40 ދުވަހުގެ އުދުވާނީ ހަނގުރާމައިގެ ފުރަތަމަ ދުވަހެވެ. މި ހަމަލާގައި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.
އެދުވަހު އަވަހާރަވި އާއިލީ ބޭފުޅުންގެ ތެރޭގައި، އީރާނުގެ އާ ލީޑަރު އާޔަތުﷲ މުޖްތަބާ ހާމަނާއީގެ އަނބިކަނބަލުންނާއި، ކުރީގެ ލީޑަރުގެ ދަނބިދަރިކަލުންނާއި، އަންހެން ދަރިކަނބަލެއްގެ އިތުރުން 14 މަހުގެ ކުޑަ ދަރިކަލަކު ހިމެނެ އެވެ.
ޖަނާޒާގެ ހިނގާލުމުގެ ތެރޭގައި، ލައުޑްސްޕީކަރުތަކުން ލީޑަރުގެ އަޑުފުޅު އިއްވަމުން ދިޔައިރު، އެއްވެފައިތިބި މީހުން ދިޔައީ ރޮއި ހިތާމަފާޅުކުރަމުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުށްވެރިކޮށް، ބަދަލުހިފުމަށް ގޮވާލާ ޝިއާރުތައް މަގުތަކުގައި ގުގުމަމުންދިޔަ އެވެ.
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ދޯންޏަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ
"ވަކި ބަޔަކަށް ފައިދާވާހެން ވިޔަފާރިތަކުން ކޯޓޭޝަން ހޯދި"