އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަން ހިމެނޭހެން މައިގަނޑު ސިޓީތަކުގެ މަގުތަކަށް އެތައް ހާސް ބަޔަކު ދަނީ އެއްވަމުންނެވެ. ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށެވެ. އެއީ އެމެރިކާ ވެސް ހިމެނޭހެން ދުނިޔޭގެ ކުދި ބޮޑު ހުރިހާ ގައުމެއްގައި ވެސް މި ދުވަސްވަރު ކަންތައް ހިނގަމުންދާ ފަދައިންނެވެ.
ފަލަސްތީނަށް ހަމަޖެހުން ގެނެސް ދިނުމަށް ގޮވާލައި އިނގިރޭސި ވިލާތުގެ މަތުކަށް މީހުން އެއްވަމުން ދާއިރު ގައުމުގެ ސިޔާސީ ވެރިންނަށް ފަލަސްތީނުގެ މައްސަލައިގައި އެއްގަލަކަށް ނޭރެ އެވެ. ބޮޑުވަޒީރުން ފެށިގެން އެމްޕީންނާއި ކައުންސިލްތަކުގެ ވެރިންނާއި އިދިކޮޅު ލީޑަރުންގެ ޚިޔާލު ވަނީ މި މައްސަލައިގައި ދެކަފިވެފަ އެވެ.
ރަސްމީ ގޮތުން އިނގިރޭސި ސަރުކާރުގެ ސިޔާސަތަކީ އިޒުރޭލަށް އެއްވެސް ހިފެހެއްޓުމެއްނެތި ތާއީދު ކުރުމެވެ. ހަމާސް އަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް ބަލައި އެ ގްރޫޕް ދުނިޔެއިން ނައްތާލަން ތާއީދުކުރުމަކީ ވެސް އިނގިރޭސި ސަރުކާރުގެ ސިޔާސަތެވެ. އެ ސިޔާސަތު ހާމަކޮށްދެއްވައި ކޮންމެ ފަދަ ހާލަތެއްގައި ވެސް އިނގިރޭސިންގެ ފުރިހަމަ ތާއީދު، އިޒްރޭލާ އެކު އޮންނާނެކަން ހާމަކޮށް ދެއްވުމަށްޓަކައި ބޮޑުވަޒީރު ރިޝީ ސުނާކު ވަނީ މިދިޔަ ހަފުތާގައި އިޒްރޭލަށް ވަޑައިގެންފަ އެވެ. އޭނާގެ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން އިއުލާންކޮށްފައިވާ ހަނގުރާމައަށް ކާމިޔާބު ލިބުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރާއި އިދިކޮޅު ލީޑަރު އެއްއަޑުފުޅަކުން ވާހަކަ ދައްކަވާއިރު ސްކޮޓް ލޭންޑުގެ ފަސްޓް މިނިސްޓަ ހަމްޒާ ޔޫސުފް ރަޒާގެ ބަސްމަގު ތަފާތެވެ. ޔޫސުފް ރަޒާގެ އަނބިކަނބަލުންގެ އާއިލާ މި ވަގުތު ވަނީ ގާޒާގައި ތާށިވެފަ އެވެ. ބަލިވެ އޮތް އާއިލީ މެންބަރަކަށް ޒިޔާރަތް ކުރުމަށް ގާޒާއަށް ދިޔަ އެ އާއިލާ ވަނީ އިޒުރޭލުގެ ހަމަލާގެ ސަބަބުން ހާލުގައި ޖެހިފަ އެވެ. އިޒްރޭލަށް ހަމާސް އިން ދިން ހަމަލާ ކުށްވެރިކުރެއްވި ކަމުގައި ވިޔަސް ގާޒާގެ ރައްޔިތުންނާ މެދު އިޒުރޭލުން ހިންގަމުން ގެންދާ އުދުވާނަށް ހަމްޒާގެ ތާއީދެއް ނެތެވެ.
"ގާޒާ އަށް ދަނީ މެދު ކެނޑުމެއް ނެތި ބޮން އަޅަމުން. މުވާސަލާތީ ޚިދުމަތް ވަނީ ކަނޑާލާފައި. ހަނގުރާމައިގެ މައިދާނުގައި ތާށިވެފައިވާ އާއިލާގެ މެންބަރުނާ ގުޅޭނެ ގޮތެއް ނެތި މިވަނީ ގާތްގަނޑަކަށް ތިން ހަފުތާ. މި ހާލަތުގައި ކުރެވެން އޮތްހާވެސް ކަމަކީ އެމީހުންގެ ފުރާނަ ސަލާމަތްވޭތޯ ދުއާ ކުރުން. ދުނިޔެ، ދެން ފުދިއްޖެއޭ ބުނުމުގެ ކުރިން އިތުރު ކިތައް ތުއްތު ކުދިންގެ ފުރާނަ ދާނެތޯ،" ސްކޮޓުލޭންޑްގެ ފަސްޓް މިނިސްޓަ ހަމްޒާ ޔޫސަފް އެކްސް ގައި ލިއުއްވި އެވެ.
ހަމްޒާ ގޮވައިލައްވަނީ ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށެވެ. ފާއިތުވެދިޔަ ހަފުތާގައި އިނގިރޭސި ވިލާތުގައި ބޭއްވި މުޒާހަރާތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް މަދު ބައެއްގެ ވިސާ ކެންސަލް ކޮށްފައިވާއިރު ކަމާ ބެހޭ ފަރާތްތަކުން ގެންދަނީ މަގުމަތީގައި ޖިހާދަށް ގޮވުމަކީ ޓެރަރިޒަމްގެ ކުށެއް ކަމުގައި ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެހެނަސް މަގުމަތީގައި "ޖިހާދު" ފަދަ ބަސްތައް ބޭނުންކޮށްގެން އަދަބު ދެވޭ ފަދަ ގާނޫނެއް ނެތް ކަމަށް ގާނޫނީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.
އިޒްރޭލުން ގާޒާ އަށް ބޮން އެޅުން ހުއްޓާލައި ސުލްހަ ގާއިމު ކުރުމަށް ގޮވާލުމަށް ބޮޑުވަޒީރު ސުނާކާއި އިދިކޮޅު ލީޑަރު ދެކޮޅު ހައްދަވަމުން ގެންދަވާއިރު އިދިކޮޅު ޕާޓީގެ ގިނަ އެމްޕީންތަކެއް ގެންދަނީ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމަށް ގޮވައިލަމުންނެވެ.
ގާނޫނު ހަދާ މަޖިލީހުގެ ލޭބަ މެމްބަރެއް ކަމަށްވާ އިމްރާން ހުސޭން، އެކްސްގައި ލިއުއްވައިފައި ވަނީ ގާޒާގެ ދެ މިލިއަން މީހުން ކަނުއަނދިރީގެ ތެރެއަށް ފޮނުވައިލައިފި ކަމަށެވެ.
"ފުރަތަމަ ކާނާ އާއި ފެނާއި ކަރަންޓު، މިހާރު މިވަނީ މުވާސަލާތީ ޚިދުމަތް ކަނޑާލައިފައި. ގާޒާގެ ތެރޭގައި އާއިލާތައް ތަހައްމަލު ކުރަމުން ގެންދާ ވޭން ހިތަށް ގެނައުމަކީ ނުވާނެ ކަމެއް. މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލައި ސުލްހަވެރި ހައްލެއް ހޯދަން ޖެހޭ،" އިމްރާން ލިއުއްވި އެވެ.
ހަނގުރާމަ ހުއްޓުމަށް ގޮވައިލުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ހޮނިހިރު ދުވަހު އިނގިރޭސި ވިލާތުގެ ބޮޑެތި ސިޓީތަކުގައި ކުރި މުޒާހަރާތަކުގައި ލަންޑަނުގެ މަގުމައްޗަށް އިއްޔެ އެކަނި ވެސް ފަސް ލައްކަ މީހުން ނުކުތް ކަމުގައި ބެލެވެ އެވެ.
އިޒުރޭލަށް އެއްވެސް ހިފެހެއްޓުމެއް ނެތި ސަރުކާރުން ތާއީދުކޮށް ހަނގުރާމަ ހުއްޓަން ގޮވާލުމަށް ދެކޮޅު ހަދަމުން ގެންދާ ގެންދިއުން ކުށްވެރިކޮށް ވެރިކަން ކުރާ ކޮންޒަވެޓިވް ޕާޓީގެ ބައެއް މެންބަރުން ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ.
އިދިކޮޅު ލޭބަ ޕާޓީގެ ވިއްސަކަށް ކައުންސިލަރުން ވަނީ މި މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ. ހަނގުރާމަ ދެމެހެއްޓުމަށް ސަރުކާރުން ކުރާ ތާއީދަށް އިދިކޮޅުން ދެކޮޅު ނުހެދުމުގެ ސަބަބުން އެ ޕާޓީގެ ގިނަ އަދަދެއްގެ އެމްޕީން ވެސް ގެންދަނީ އިސްތިއުފާ ދީފާނެކަމުގެ އިންޒާރު ދެމުންނެވެ.
ލަންޑަންގެ މޭޔަރު ސާޖިދު ޚާނާއި މެންޗެސްޓާގެ މޭޔަރު އެންޑީ ބާނަމް ވެސް އަންނަނީ ޕާޓީ ލީޑަރު ކިއާ ސްޓޭމާ އަށް ޕްރެޝަރު ކުރަމުންނެވެ.
ފަލަސްތީނަށް ސަޕޯޓުކޮށް ގައުމުގެ އެކި ހިސާބުގައި ބާއްވަމުން އަންނަ މުޒާހަރާތަކާއި މުހިންމު ސިޔާސީ ލީޑަރުންގެ ވާހަކަފުޅާ އެކު އިޒްރޭލާއި ފަލަސްތީނު ހަނގުރާމާގައި އިނގިރޭސި ސަރުކާރަށް އަންނަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ. ޚާއްސަކޮށް އާންމު އިންތިޚާބު ބޯމަތިވެފައިވާއިރު ހުރިހާ ޕާޓީއަކަށް ވެސް ރައްޔިތުންނާއި ސިޔާސީ ލީޑަރުންގެ އަޑު އަހަން މަޖުބޫރެވެ. އެކަމަކު ފެންނަ މަންޒަރަށް ބަލާއިރު އިޒުރޭލުގެ ނުފޫޒު ސަރުކާރަށް އެއަށް ވުރެ މާބޮޑެވެ.