ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެއްވެސް ސިޔާސީ މަގާމެއް އަދާކުރައްވާ ބޭފުޅަކު ހިމަނަން ނުޖެހޭނެ ކަމަށާއި ޖޭއެސްސީ އެކުލަވާލަން ޖެހޭނީ ޝަރުއީ ދާއިރާގެ ބޭފުޅުންނާ އެކު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކަށް ވެސް އަދި ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅަކަށް ވެސް ހުރެވިގެން ނުވާނެ ކަމަށެވެ. ޖޭއެސްސީގައި ތިބެން ޖެހޭނީ ޝަރުޢީ ދާއިރާގައި މަސައްކަތްކޮށްފައި ތިއްބެވި ބޭފުޅުންނާއި އެކަމުގެ ތަޖުރިބާ ހުރި މީހުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ޖޭއެސްސީ އަށް ޝަރުއީދާއިރަގެ ތަޖުރިބާހުރި އެ ދާއިރާއިން ކިޔަވައިގެން ތިބި މީހުން އައްޔަންކޮށް ޖޭއެސްސީ އެކުލަވާލަން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖޭއެސްސީ އަށް ހަގީގީ މިނިވަންކަން އަންނަން ޖެހޭ، ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަންވާން ޖެހޭ. އަޅުގަނޑުމެންގެ މެންބަރުން ތިކަމާ މަޝްވަރާ ކުރާނަން," މުއިއްޒު ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުުރުމަަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހެޅީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އެވެ. މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ.
މަޖިލީހަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތަކަށް މަދުކުރެވޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ 11 މެމްބަރުންނެވެ.
މިގޮތަށް ހުށަހެޅުއްވީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި، މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާއާއި އެނޫން ވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމްއިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައި ކަމަށް ބަންޑާރަ ނާއިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.