ކެބިނެޓް އެކުލަވާލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގާނޫނުއަސާސީން ލިބިވަޑައިގެންފައިވާ ބާރެއް ކަމަށާއި އެއަށް ބޭފުޅުން ލިސްޓް ހަދާފައި ފޮނުވުމަކީ އޮންނަ ގޮތެއް ނޫން ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އަދުރޭ އެގޮތަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރަން ބޭނުންފުޅުވާ މީހުންގެ ލިސްޓެއް ފޮނުއްވި ކަމަށް އަޑުތައް ފެތުރޭތީ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ކެބިނެޓް އެކުލަވާލުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރެއް ކަމަށެވެ. ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުން ހިމެނޭ ލިސްޓެއް އެހެން ބޭފުޅުން ފޮނުވުމަކީ އޮންނަ ގޮތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް ރައީސް ޔާމީން ލިސްޓެއް ފޮނުއްވި ކަމެއް ވެސް އަދި ފޮނުއްވާފައި އެއާ ދޭތެރޭގައި ޑރ. މުއިއްޒު އެއަށް އެއްޗެއް ވިދާޅުވި ކަމެއް ވެސް." ޕީއެންސީގެ ޗެއާމަން ކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އިންތިހާބުކޮށްފައި ވަނީ މުއިއްޒެވެ. މުއިއްޒު، ރައްޔިތުން ކުރިމައްޗަށް ވަޑައިގެން ވައުދުތައް ވެވަޑައިގެންނެވި އިރު، މުއިއްޒަށް މަސައްކަތްޕުޅު ކުރެއްވޭނީ އެ ވައުދުތައް ފުއްދެވުމަށް އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ވާން ޖެހޭނީ އެއީ ރައީސުލްޖުމްހޫރިއްޔާ %100 އިތުބާރު އޮތް ކެބިނެޓަކަށް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ އިންތިހާބީ ރައީސް ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ. ދެން އެ ގެންދެވުމުގައި އެމަނިކުފާނު މަޝްވަރާ ކުރައްވަން ޖެހޭ ފަރާތްތަކަކާ މަޝްވަރާ ކުރައްވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.