ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލާގެ ނޯޓިސް މިއަދު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ކުރައްވާ ނަޝީދު ވަކިކުރުމުގެ ގަރާރުގެ ނޯޓިސް އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ގަވާއިދާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެ އިދާރާއިން ކުރިން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ފޮނުވަން ޖެހެ އެވެ.
ރައީސް ނަޝީދު މަގާމުން ވަކިކުރަން 48 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.
ގަރާރު ބަލައިގަނެ، ނޯޓިސް ފޮނުވާފައި ވަނީ އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމާ މެދު ނަޝީދު ސުވާލު އުފައްދަވާފައިވާ ވަނިކޮށެވެ.
އެއީ، ދައުރެއްގެ ތެރޭގައި އެއް ގަރާރެއް ދެ ފަހަރަށް ހުށަހެޅި ދާނެ ކަމާ މެދު އެ މަނިކުފާނު އުފައްދަވާފައިވާ ސުވާލެކެވެ. އެ ސުވާލު އުފެދުނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
މީގެ ކުރިން ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮއްވައި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެމްޑީޕީން ވަނީ އެ ގަރާރު އަނބުރާ ގެނެސްފަ އެވެ. ގަރާރު އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނަޝީދުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
އޭގެ ކުރިން، މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި ނަޝީދަށް ވާހަކަ ދެއްކެވުމުގެ ވަގުތު ކަނޑައަޅަން ޖެހޭނެއެވެ. މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ. އެ އަދަދަށް ވުރެ އިތުރަށް އެމްޑީޕީގައި މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 56 އެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީން އުޅެނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކަންކަމަށް ހުރަސް އެޅުމުގެ އިތުރުން މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތައް ފޮރުވަން ކަމަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.