އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރު ހިންގުމާ ގުޅޭގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ދަ ޑިމޮކްރެޓްސްއާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގައި ޑިމޮކްރެޓްސްގެ އިސްބޭފުޅުންނާއި ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުން މިއަދު ވަނީ މަޝްވަރާ ކޮށްފަ އެވެ.
މަޝްވަރާ އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހަމަހަމަ އިންސާފުވެރި ސަރުކާރެއް ހިންގުމަށް އެންމެންގެ ހިޔާލާ މަޝްވަރާވެސް ބޭނުންވާނެ ކަމަށެވެ.
އޭނާ ޑިމޮކްރެޓްސްގައި ތިބީ ސިޔާސީ ގޮތުން ތަޖުރިބާ ހުރި މީގެ ކުރިން ސަރުކާރެއް ހިންގާފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން އާ ސަރުކާރެއް އަންނަ އިރު އެބޭފުޅުންގެ މަޝްވަރާ ވަރަށް މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރެޓްސްއާ އެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ތަފާތު ނަތީޖާއެއް ނެރެދޭ ސަރުކާރެއް ހެދުމަށް މަޝްވަރާކުރި ކަމަށެވެ. އަދި އެކަންކަމާ ޑިމޮކްރެޓްސްގެ ބޭފުޅުންގެ މަޝްވަރާ ހޯއްދެވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
އެބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރި ދިމާވެފައި ހުރި މައްސަލަތަކާ. އެއާ އެކީ އޭގެ އަލީގައި ކުރިއަށް ދިއުމުގައި އަދި ކަންކަމުން އަރައިގަތުމަށް އެބޭފުޅުންގެ ޚިޔާލު ހުރި ގޮތް ހިއްސާ ކުރެއްވި، ދެން އަދުލު އިންސާފު ގާއިމުކުރުމާ، ހަމަހަމަ ކަމާއެކީގައި ހިދުމަތް ފޯރުކޮށްދޭ ސަރުކާރެއް ގާއިމުކުރުމުގައި އެބޭފުޅުންގެ ހިޔާލު ހޯއްދެވި" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ މެމްބަރުން ހިމެނޭނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދުވެސް މީގެ ކުރިން ވިދާޅުވެފައިވަނީ މުއިއްޒުގެ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ ސަރުކާރު ހިނގުމުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިކަމާ މެދު އިންތިހާބީ ރައީސްގެ އޮފީހުންވެސް އަދި ޕީޕީއެމް/ޕީއެންސީ އިންވެސް ވަކި އެއްޗެއް ނުބުނެ އެވެ.