ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓު ނަގާ ނަމަ ބަރުލަމާނީ އަށް ތާއިދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި 101 މެމްބަރުން ބައިވެރިވި އެވެ. ގައުމީ މަޖިލީހުގައި ބައިވެރިވި ހުރިހާ މެމްބަރުން ވެސް ވާހަކަދައްކާފައި ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ.
ގައުމީ މަޖިލީހުގައި ވާހަކަ ދެއްކި މެމްބަރުން ބަރުލަމާނީއާ ދެކޮޅަށް ވާހަކަ ދެއްކުމުން ގައުމީ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒަމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ނަމަ އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރުމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ. ރައީސް ވިދާޅުވީ
ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ވެސް ރިޔާސީ ނިޒާމް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް އެބަހުރި ކަމަށާއި ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވެސް ވާހަކަ ދެއްކެވީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. އިބްރާހީމް ވަހީދަކީ ރައީސް ނަޝިދު އެމްޑީޕީގައި ހުންނެވި އިރު ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ފެށި ކެމްޕެއިނުގައި، ކެމްޕެއިން މެނޭޖަރަކަށް ހުންނެވި ބޭފުޅެކެވެ. އިބްރަހީމް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔަ އިރު ޑިމޮކްރެޓްސް އިން މަސައްކަތް ކުރީ "ރައީސް ޞާލިހު ނޫން ގޮތެއް" ހޯދަން ކަމަށެވެ. އެހެންވީމާ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ބަރުލަމާނީ ނޫން ގޮތެއް ހޯދަން ކަމަށް އިބްރާހީމް ވަހީދު ވިދާޅުވި އެވެ.