އަވަށްޓެރި އިންޑިއާ އާ ގުޅުވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގެންގުޅެނީ "ފިތުނައިގެ ދޮލަނގެއް" ކަމަށާއި ބޭނުމަކީ ރޯ ބުހުތާނު ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވީ ޕީއެންސީއަކީ އެއްވެސް ބަޔަކާ ގުޅިގެން ވެރިކަމެއް ކުރަން އެނގޭ ބައެއް ނޫން ކަމަށާއި އެމީހުންނަށް އެނގޭނީ ފިތުނައިގެ ދޮލަނގެއްގައި އެ ވިއްކުން ކަމަށެވެ. އަދި އޭގެ އެންމެ ކުރީގައި އޮންނާނީ އިންޑިއާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއަށް އިންޑިއާއިން ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި ދެވަނަ ހެލިކޮޕްޓަރު ގެނައީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުންނެވި އިރުގައި ކަމަށެވެ.

"މި ދެ ހެލިކޮޕްޓަރު މި ތަނުގައި އަޅައިގެން ތިއްބާ މި ދެ ހެލިކޮޕްޓަރުން ދިވެހި ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ހިދުމަތް ދެމުންދަނިކޮށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ. އެހެންވެ މި ދެ ހެލިކޮޕްޓަރު ގެނައުމާ ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކާއި އެއްވެސް ގުޅުމެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އޭގައި އަޅާފައި އޮތް ސޮޔެއް ވިއްޔާ އަޅާފައި އޮތީ ކުރީގެ ސަރުކާރުތަކުން ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އެ ހެލިކޮޕްޓަރު ގެނައުމަށް ކުރީ ސަރުކާރުތަކުން އެއްބަސްވެ ސޮއިކުރީ ބައިނަލްއަގްވާމީ އުސޫލުތަކާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.

"އެހެންވެ އެ ދެ ހެލިކޮޕްޓަރު ރާއްޖޭގެ ދެ ސަރަހައްދުގައި އިންސާނީ ހިދުމަތް ދިނުމުގައި ބޭނުން ކުރަމުން އެ ގެންދަނީ،" ޝާހިދު ވިދާޅުވި އެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި އެޅި ޕޮލިސް ކޮލެޖާއި އުތުރު ތިލަފަޅަކީ އިންޑިއާގެ މިލިިޓަރީ ބޭސްގެ ގޮތުގައި ސިފަކޮށް އިދިކޮޅު ފަރާތްތަކުން އެ ތަންތަނާ ބެހޭ ގޮތުން ވެސް ދޮގު ވާހަކަ ފެތުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އައްޑޫގައި އެ ބިނާ ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ކަމަށާއި އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު ޖަމީލް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ހަގީގަތަކީ އެ ބިނާ އެހުރީ، ސަރާސަރު ބޮޑު ބިނާ އެއް އެ ހުރީ ތައްޔާރުވެ، މިހާރު ދިވެހި ފުލުހުން އެތަނުގެ ބޭނުން ހިފަމުން އެގެންދަނީ. އެތަނުގައި ނެތް އިންޑިއާ ސިފައިންނެއް. އެ ތަނަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ނޫން. " ޝާހިދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ އަސްކަރީ ބޭސްއެއް ހިންގުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކުރީ 2016 ވަނަ އަހަރު، ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެއީ މި ސަރުކާރާ ބެހޭ ވެސް ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ އެއްބަސްވުން ދިރާސާކޮށް، އޭގައި ހުރި ބައެއް ކަންކަން އުނިކޮށްފައި ރާއްޖޭގެ ފުރިހަމަ ބާރު ހިނގާގޮތަށް އެއްބަސްވުން ބަދަލުކުރީ މި ސަރުކާރުން ކަމަށެވެ.

"ހަމަ އައްޑުއަތޮޅުގައި ހަދާފަ އެހެރަ ޕޮލިސް އެކެޑަމީއެކޭ އެއްގޮތަށް މިތަންވެސް ހަދާ ނިމުނީމާ ދިވެހި ރައްޔިތުންނަށް އެނގޭނެ ސުބުހާނަﷲ އޭ ތިމަންނަމެން އަނެއްކާ ވެސް ފިތުނައިގެ ދޮލަނގުގައި ވިއްކަން ހުރި ފިތުނައިގައި ކޮންމެވެސް ވަރަކަށް ޖެހެވިފައޭ،" ޝާހިދު ވިދާޅުވި އެވެ.