ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި 87 ބޭފުޅުން ތިއްބަވަ އެވެ.
މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމަކީ 22 މެމްބަރުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާގެ ވަގުތު ހަމަވިއިރު ވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 13 މެމްބަރުންނެވެ.
އެހެންކަމުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމަވައި ޖަލްސާ ނިންމަވާލެއްވި އެވެ. މިއަދުގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ މެންބަރުން ހިމެނޭ ދާއިމީ ކޮމިޓާތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު، މިދިޔަ ބުދަ ދުވަހުވެސް ޖަލްސާ ބާއްވާފައެއް ނުވެ އެވެ. އެއީ ކޮމިޓީތައް އެކުލަވާލަން ޕާޓީތަކަށް ވަގުތު ދިނުމަށް ކަމަށް ބުނެ އެވެ. މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ދުވަހު ޖަލްސާއަށް ވެސް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތް ބޭފުޅުން އެކަން މަޖިލީހަށް އަންގަވާފައިނުވާތީ ކަމަށް ވިދާޅުވެ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.