މައްސަލަ ބޮޑު އިންޑިއާގެ ފަންނާނެއް ކަމަށްވާ ރާކީ ސާވަންތު އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް އަނެއްކާ ވެސް ފުލުހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މިފަހަރު ރާކީ ފުލުހަށް މައްސަލަ ހުށައަޅީ އޭނާގެ އިންސްޓަގްރާމް ހެކް ކޮށް ނަފްސާނީ ގޮތުން އޭނާއަށް އެކި ކަހަލަ ގެއްލުންތައް ދިން ކަމަށް ތުހުމަތު ކޮށްފަ އެވެ.

މި މައްސަލައިގައި ރާކީގެ ކުރީގެ ފިރިމީހާ އާދިލް ޚާން ދުރާނީގެ އިތުރުން އޭނާގެ އެންމެ ގާތް ރަހްމަތްތެރިން ކަމަށްވާ ރާޖްޝްރީ މޯއާއި ޝާރްލީން ޗޯޕްރާގެ ޝަކުވާ ވެސް ރާކީ ކޮށްފައިވެ އެވެ.

ރާކީ ބުނީ އޭނާގެ އިންސްޓަގްރާމަށް ވަދެވޭނީ ހަމައެކަނި އެ ތިން މީހުންނަށް ކަމަށާއި އެއީ އެ މީހުންގެ ރޭވުމެއްގެ ދަށުން އޭނާއަށް ދީފައިވާ ބޮޑު "ލަނޑެއް" ކަމަށެވެ.

ރާކީ މި މައްސަލަ ހުށައަޅާފައި މިވަނީ ދާދި ފަހުން ރާކީއާ ބެހޭ ގޮތުން އާދިލް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި އޭނާ ބުނެފައިވަނީ ރާކީއާ ކައިވެނި ކުރުމަކީ އޭނާގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް ކަމަށާއި އާދިލްގެ ޣައިރު ހާޟިރުގައި ރާކީ ހިލޭ ފިރިހެންނާއެކު ގުޅުން ހިންގާފައިވާ ކަމުގެ ހެކި އޭނާއަށް ލިބިފައިވާ ކަމަށެވެ.

އޭގެ ކުރިން ރާކީ ވަނީ އާދިލްއާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށައަޅާފަ އެވެ. އޭނާ ބުނެފައިވަނީ އާދިލް އޭނާއާ ކައިވެނިކުރީ ގަދަކަމުން އިސްލާމް ދީން ގަބޫލު ކުރުވައިގެން ކަމަށާއި އާދިލް އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ކައިވެނިކުރި ރާކީއާއި އާދިލްގެ ކައިވެންޏަށް އަހަރު ނުވަނީސް އެ ދެމީހުން ވަނީ މި އަހަރުގެ ކުރީކޮޅު ވަރިވެފަ އެވެ.