ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމަކުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ ޖޯޑު ފެންނާނެ ފަހު ފިލްމު "ނޮވެމްބަރު" މިއަހަރުގެ ޑިސެމްބަރު މަހު އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

ޑާކް ރެއިން ބުނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަހުގައި "ނޮވެމްބަރު" ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިފިލްމަކީ 2020 ވަނަ އަހަރުގެ ޖުލައި މަހު ރިލީޒްކުރުމަށް ނިންމި ފިލްމެކެވެ.

"ނޮވެމްބަރު" ގެނެސްދިނުން ލަސްވި ސަބަބުތަކުގެ ތެރޭގައި 2020 ގެ ތެރޭގައި ކޮވިޑާ ހެދި އޮލިޕަސް ބަންދުކުރަން ޖެހުމާއި ފިލްމުގެ ލީޑް ބަތަލު ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މައްޗަށް ތުހުކުރެވުނު ތުހުމަތުތައް ހިމެނެ އެވެ.

"ނޮވެމްބަރު" އަކީ ޑާކް ރެއިނުން މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމު ވެސް މެ އެވެ. ސިންގަޕޫރާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަންޒަރުތަކެއް ނަގާފައިވާ އަދި ބޮޑު ކާސްޓެއް ފެންނާނެ މި ފިލްމަށް ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

"ނޮވެމްބަރު" ގެ ލީޑުން ފެންނާނީ ޖުމަލް އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ދެ ތަރިންގެ ކެމިސްޓްރީ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ" އަދި "ވަކިން ލޯބިން" ހިމެނެ އެވެ.

"ނޮވެމްބަރު" ގެ ވަރަށް ހާއްސަ ރޯލަކުން ސިންގަޕޫރުގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ ތަރި އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމަކުން މަޝްހޫރު ޕްރެޒެންޓަރު މުސާ ވަސީމާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާނު ވެސް ފެނިގެންދާނެ އެވެ.

މި ފިލްމަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.