އިމާމުވެ ހުކުރު ކުރާއިރު ހުރިހާ އިމާމުން ވެސް ޖުއްބާ ލާންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިސްލާމީކް މިނިސްޓްރީން ބުނީ އެއީ ހުކުރު ކުރާއިރު ހުރިހާ ހަތީބުންނަކީ ވެސް އެއްގޮތަކަށް ހެދުން އަޅާ އަދި ހަތީބުންގެ ހައިބަތު ދެމެހެއްޓުމަށް ހަމަޖެއްސި ގޮތެއް ކަމަށެވެ.
އެ އުސޫލަށް މި ވަގުތު އަމަލުކުރަނީ ހަމަ އެކަނި މާލެ ސަރަހައްދުގައި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހަތީބުން ވެސް އެ އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހަތީބުން މި އުސޫލަށް އަމަލުކުރަން ފަށަން ޖެހޭ ވަކި ތާރީހެއް މިނިސްޓްރީން އަދި ހަމައެއް ނުޖައްސަ އެވެ.
ހުކުރު ކުރާ ހުރިހާ ހަތީބުންނަކީ ވެސް މިކަމަށް ވަކި އެލަވަންސްއެއް ދީ ޖުއްބާ އާއި ތާކިހާ މިނިސްޓްރީން ފޯރުކޮށްދެ އެވެ.
ހުކުރު ކުރާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހުރިހާ އިމާމުން މިގޮތަށް އަމަލުކުރެވެ އެވެ. ރާއްޖޭގައި ވެސް ބައެއް މިސްކިތްތަކުގައި އިމާމުން މިހާރު ވެސް މިގޮތަށް ހެދުން އަޅަ އެވެ. އެހެން ނަމަވެސް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައެއް ނޯވެ އެވެ.