ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާ މެދު ރިސޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކަންކަން ނިންމަނީ ރައްޔިތުން ބޭނުންވާ ގޮތް ވެސް ނުބަލާ ކަމަށެވެ. އަދި ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ވެސް އެފަދައިން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބޮޑު ޗުއްޓީ ޖުލައި މަހުގެ ތެރެއަށް ބަދަލުކުރުމުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތަކާ ކަމަށްވާތީ އެ ޗުއްޓީގެ ބޭނުމެއް ނުހިފޭ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުންތައް ފާޅުކުރަން ފެށުމާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ ކެމްޕޭން ޖަލްސާގައި އިއުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާއި މެދު ރިސޯޓު ތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށެވެ. އެ ކަންބޮޑުވުމަށް ހައްލު ގެނެސްދޭނެ ކަމަށާއި، އެކަމުގެ ތަފްސީލު މިރޭ ފ. ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މި ކަންބޮޑުވުމަށް ހައްލު ގެނެސްދޭނަން. ތަފްސީލް މިރޭ ފ. ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނަން." މުއިއްޒު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން 2019 ގައި ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުކޮށް ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑު ޗުއްޓީ ލިބޭ ދުވަސް ވަރު ޖޫން މަހާއި ޖުލައި މަހަށް ބަދަލުކޮށްފަ އެވެ.