މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނަށް އެއްވި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންގެ ތެރެއިން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ފުލުހުންގެ އިދާރާއަށް މިއަދު ވެސް ހާޒިރުކޮށްފި އެވެ.
އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނަށް ވެދެވަޑައިގެން އިށީނދެވަޑައިގެންނެވީ އިދިކޮޅު ޕާޓީގެ ލީޑަރު ރައީސް ޔާމީން އިންސާފުވެރި ޝަރީއަތެއް ހޯދުމާއި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ކަމަށް ބުނެ އެވެ.
އެ ސަރަހައްދަށް އެއްވި ބޭފުޅުން މީގެކުރިން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
ތޯރިގް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާތީ މިއަދު ވަނީ ފުލުހަށް ހާޒިރުވެފައެވެ. ތޯރިގު ވިދާޅުވީ ޖުމްހޫރީ މައިދަނަށް އެއްވި މައްސަލައެއްގައި ފުލުހަށް ހާޒިވުމަށް އަންގާފައިވާ ކަމަށެވެ. އަދި ހުންނެވީ ބިރުދައްކައިގެން ފަހަތަށް ޖެހޭގޮތަށް ނޫން ކަމަށް ތޯރިގު ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނުގައި ތިއްބެވި ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.