ދުވާލު ދެބައި ވުމާއެކު އާފުރެން ފައްޓަ އެވެ. ނިންޖާހުރެ ކުރަން ހުންނަ ކަންކަން ނުކުރެވޭ ހިސާބަށްދެ އެވެ. އެކަމަކު އިރުއޮއްސުމާއެކު އެނދުގައި އޮށޯތުމުން ނިންޖަށް ވާއެއް ނުވާއެއް ނޭނގެ އެވެ. ދެން އޮންނަން ޖެހެނީ ނުނިދި ދެފަރާތަށް ފުރޮޅި ފުރޮޅި އެވެ. ނިދި އައިސްގެން އުޅުނު ނަމަވެސް ނިދަން އޮށޯތުމުން، ނުނިދި އޮންނަން ޖެހެ އެވެ.
ޖަޕާންގެ ސައިންސްވެރިން 2400 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާގައިވާ ގޮތުން ލޭގެ ޕްރެޝަރު މައްޗަށްދާ މީހުން ރޭގަނޑު މާ އަވަހަށް ނިދަން އޮށޯންނަން ބޭނުންވާނެ އެވެ. އާދައިގެ ވަރަކަށް ޕްރެޝަރު ހުންނަ މީހުންނަށް ވުރެ ޕްރެޝަރު މަތީގައި ހުންނަ މީހުން އެވްރެޖް ގޮތެއްގައި ނިދަން އޮށޯތުން 18 މިނިޓް އަވަހެވެ.
ޑޮކްޓަރުން ވިދާޅުވަނީ އަވަހަށް ނިދަން އޮށޯންނަން ބޭނުންވަނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި އެކަމާ ސަމާލުވާން ޖެހޭނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއިން މަރުވާ މީހުންގެ ތެރެއިން 7.5 މިލިއަން މީހުން މަރުވާން ދިމާވާ ސަބަބަކީ ލޭ މައްޗަށް ދިއުމެވެ.
އަވަހަށް ނިދަން އޮށޯންނަން ބޭނުންވިޔަސް އޮށޯތުމުން ނުނިދޭނަމަ އެއީ ސިއްހީ މައްސަލައެއްގެ ނިޝާނެކެވެ. އިނގިރޭސި ވިލާތުގެ އާބާދީގައި ހިމެނޭ ހުރިހާ ބޮޑެތި މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުންނަކީ ލޭ މައްޗަށް ދާ މީހުންނެވެ. ހައިޕަޓެންޝަން ނުވަތަ ލޭމައްޗަށް ދިއުމުގެ މައްސަލަ ހުރި ވަރަށް ގިނަ މީހުންނަކީ އެ މައްސަލަ ހުރިކަން އެއްގޮތަކަށް ވެސް ނޭނގޭ މީހުންނެވެ.
ލޭ މައްޗަށް ދިއުމަކީ ހިތުގެ ބަލިތަކާއި ވާގިނެތޭބަލި އަދި ހަނދާން ނެތޭ ބަލި ފަދަ ވަރަށް ގިނަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެކެވެ. އަދި މިއީ ބޭސް ބޭނުންކޮށްގެން ނުވަތަ ކެއިންބުއިމާއި ދިރިއުޅުމުގެ އެހެނިހެން އާދަތަކަށް ބަދަލު ގެނެސްގެން ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ލޭ މައްޗަށް ދާކަން އެނގޭ ވަރަށް ބަލީގެ ނިޝާންތައް ފެންނަން ފަށާއިރު އޮންނަނީ މާ ބޮޑުވަރު ވެފަ އެވެ.
ދިރާސާ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި އަވަހަށް ނިދަން އޮށޯތުމަކީ ލޭ މައްޗަށް ދިއުމުގެ އަލާމާތެއް ކަމަށް ބެލެވޭއިރު މާ ގިނައިން ނިދުމަކީ މި ހާލަތަށް ވަކި ބަދަލެއް ގެނެވޭނެ ކަމެއް ނޫނެވެ. އަވަހަށް ނިދަން ބޭނުން ވިޔަސް ލޭ މައްޗަށް ދާ މީހަކަށް ނިދަން އޮށޯވެ އެކަށީގެންވާ ގޮތަކަށް ނިދައެއް ނުލެވޭނެ އެވެ.
އިޓަލީގެ ރޯމްގައި އޮތް ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީގެ ކޮންގްރެސްގައި މި ހޯދުންތައް ހާމަކުރައްވަމުން ހިރޮޝީމާ ޔުނިވަސިޓީގެ ރިސާޗަރު ޑރ. ނޯބޫ ސަސާކީ ވިދާޅުވީ އަވަހަށް ނިދަން ބޭނުންވުމަކީ ހައިޕަޓެންޝަންގެ އަލާމާތެއްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
ޕްރެޝަރު މަތިވުމަކީ ނުރައްކާތެރި ގިނަ ބަލިތަކެއް ޖެހިދާނެ ސަބަބެއްއޭނާ ވިދާޅުވި ގޮތުގައި ލޭ މައްޗަށް ދާ މީހުން އަވަހަށް ނިދަން އޮށޯންނަނީ އެމީހުންގެ ސިއްހަތު ގޯސްވަމުންދާތީ ހަށިގަނޑު މާ ބޮޑަށް ވަރުބަލިވާތީ އެވެ.
މި ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. ރިޔޯޖީ އޮޒޯނާ ވިދާޅުވީ އަވަހަށް ނިދަން އޮށޯތުމަކީ ލޭ މައްޗަށް ދިއުމުގެ އަލާމާތެއް ނަމަވެސް އަވަހަށް ނިދަން އޮށޯތަސް އަދި ލަހުން ނިދަން އޮށޯތަސް ލޭގެ ޕްރެޝަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މި ދިރާސާގައި އުމުރުން 24 އަހަރާއި 60 އަހަރާ ދެމެދުގެ 2424 މީހުން ބައިވެރިކުރިއިރު އަންހެނުންގެ ހަށިގަނޑު މިގޮތަށް މަސައްކަތް ކުރާ ކަން ފާހަގައެއް ނުކުރެވުނެވެ.