އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އޮމްބުޑްސްޕާސަންގެ އޮފީހަށް ބޭފުޅުން ހަމަޖައްސައިފި އެވެ.
ޗީފް އޮމްބަޑްސްޕާސަންގެ މަޤާމަށް އައްޔަން ކުރެއްވީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް އެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް، ޖިހާދާ އަނީސް އާއި، ހ. ފެހިއާލާ، މަރިޔަމް ލައިޒާ އެވެ.
މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީން، ކޮމްޕެރެޓިވް ލޯސްއިން މާސްޓާސް ހައްދަވާފައިވާ އަބްދުއްސަލާމަކީ، ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ޖިހާދާ އެންމެ ފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމެވެ. އޭގެ ކުރިން އޭނާ ވަނީ ޕީޖީ އޮފީހާއި އެޓާނީ ޖެނެރަލް އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.
އަބްދުއްސަލާމް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަނަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ބައިވެރިވެ، ނާކާމިޔާބުވެވަޑައިގެންފަ އެވެ.
ތައިލެންޑުންނާއި މެލޭޝިޔާއިން، މާސްޓާސް އޮފް އެޑިއުކޭޝަން އަދި ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަންއިން މާސްޓާސް ހައްދަވާފައިވާ ލައިޒާ އަކީ ކުރިން ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެކެވެ. އޭނާ ވަނީ ހިއުމަންރައިޓްސް ކޮމިޝަނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާފައިވާ ގާނޫނެކެވެ.
ފޮޓޯ އިން ވެސް އިނގިއްޖެ އިންޞާފު ލިބިގެންދާނެ ގޮތް
ހަމަ ސީދާ ރީނދޫ ޕަޕެޓެއް