ނާސްތާކުރާއިރު އަވަސް އަވަހަށް ކެއުމަކީ އަހަރެމެން ދިވެހިންގެ އާދަ އެކެވެ. އޮފީހަށް ދާން ގަޑިޖެހޭތީ އެވެ. ނުވަތަ އެހެން ކޮންމެވެސް ކަމެއް ކުރަން ލަސްވާތީ އެވެ.
ނަމަވެސް މި އާދައަކީ އަހަރެމެންގެ ސިއްހަތަށް ގެއްލުންވާ އާދައެއްކަން ވިސްނާލަނީ މަދު މީހެކެވެ. ހަފައިގެން ލަސްލަހުން ކާން ޑޮކްޓަރުން ލަފާ ދިން ކަމުގައި ވިޔަސް އަވަހަށް ކަނީ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުންނެވެ.
އަވަސް އަވަހަށް ކެއުމަކީ އެކަމުން ސިއްހަތަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެގޮތުން ބަލާއިރު އެންމެ ބޮޑު ގެއްލުމަކަށް ވަނީ ބަރުދަން އިތުރުވުމަށް މަގުފަހިވުމެވެ. މާ އަވަހަށް ކާ ނަމަ ގިނައިން ކެއުމުގެ ފުރުސަތު ބޮޑުވެ ބަރުދަން އިތުރުވާ ގޮތްވެ އެވެ.
ހަމަ އެއާއެކު ކޮބޯތަކެތިން ހަށިގަނޑަށް ލިބެންވާ މާއްދާތައް ލިބުމުގައި ކެއުމުގެ ސްޕީޑު ބޮޑު ދައުރެއް އަދާކުރެ އެވެ. އަވަސް އަވަހަށް ކާ ނަމަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބުމަށް ދަތިވެ އެވެ. އެއާ ޚިލާފަށް ލަސްލަހުން ކާ ނަމަ ކާބޯތަކެތިން ލިބޭ ފައިދާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެ އެވެ.
މީގެ އިތުރުން އަވަސް އަވަހަށް ކެއުމަކީ ހަަޖަމު ކުރުމުގެ ނިޒާމަށް ވެސް މައްސަލަ ތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ލަސް ލަހުން ކާއިރު ކާ އެއްޗެހި ހެފުން އިތުރުވެ އެ އެއްޗެތި ހަޖަމުކުރަން ފަސޭހަވެ އެވެ.
އަވަސް އަވަހަށް ކެއުމުގެ ބަދަލުގައި ލަސްލަހުން ކެއުމަކީ މީހާގެ ސްޓްރެސް ކުޑަވާކަމެއް ކަމަށާއި އެއީ ކާ އެއްޗެހީގެ ފުރިހަމަ ރަހަ ލިބި ކާހިތުން ކެއުމަށް ބާރު އަޅާ ކަމެކެވެ.
ލަސްލަހުން ކެއުމަކީ ސިއްހީގޮތުން ގިނަ ފައިދާތަކެއް ލިބުމުގެ އިތުރުން ކެއުމުގެ ރީތި އަދަބަކަށް ވާއިރު އަހަރެމެންގެ ތެރޭގައި އޮތް އަވަހަށް ކެއުމުގެ އާދަ ބަދަލުކޮށް ލަސްލަހުން ކާން އާދަ ކުރަން ޖެހެ އެވެ.