އެމްޑީޕީގެ ކުރީގެގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ރޫޅާލާ ފުނޑުފުނޑު ކޮށްލުމަށް ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ރޭ އެ ޕާޓީން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ.

ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ފަހު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ. ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީ އެމަނިކުފާނު ރޫޅާ ލައްވާނެ ކަމަށެވެ.

ކަށިކެޔޮގަނޑެއްގެ މިސާލު ޖައްސަވާ ރައީސް ނަޝީދު ވިދާޅުވީ ކަށިކެޔޮގަނޑުގެ ފޫވަށް ނެއްޓުމުން ރޫޅޭނެ ކަަމަށެވެ. އެގޮތަށް އެމްޑީޕީ ވެސް އެދަނީ ރޫޅެމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ނަމުގައި ޕާޓީ ހެދި ބޭފުޅުންނާއި ރައީސް ނަޝީދާއި އެމްޑީޕީއާއި ޒާތީ ކަމެއް އޮންނަ ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ވެސް ޒާތީ ކަމެއް އޮވެގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވިޔަސް އެޕާޓީ ރޫޅާނުލެވޭނެ ކަމަށެވެ. އަދި އެއީ ހުވަފެން ކަމަށް ވިދާޅުވި އެވެ.

18 އަހަރަށް ފަހު ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާދެއްވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެންނެވެ.