މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިސްމާއިލް އަބުދުއްރަހީމް (އިސޫ) ބަންދުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އިސޫ ދޫކޮށްލީ ފައިގައި މޮނިކޮމް ޓެގް އެޅުވުމަށްފަހު މޮނިޓާކުރާ ގޮތަށެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓާ ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ޝަރުތުކުރުމަށް ފަހު އެވެ.
މިމައްސަލައިގައި އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާ އެވެ.
އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައި ވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އޭނާއަށް ފާރަލައި ރަހީނުކޮށް އަދި މަރާލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާއަށް ފާރަލައި މަރާލުމަށްޓަކައި 2017 ވަނަ އަހަރު ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015 ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން އިސޫ ހައްޔަރުކުރުމަށް ފަހު ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ކަމަށް ބުނެ ދައުވާ ބާތިލްކުރީ އެވެ.
މިމައްސަލައިގައި ދައުވާކުރާ އަނެއް ދެމީހުންނަކީ މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލް (އަހަނދު)އާއި މާލެ ދަފްތަރު 8499، އަހްމަދު މުއާޒު އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އަހަނދުވެސް ވަނީ މީގެ ކުރިން ދޫކޮށްލާފަ އެވެ. އަހަދު ދޫކޮށްލާފައިވަނީ ފައިގައި މޮނިކޮމް ޓެގް އަޅުވާ މޮނިޓާކުރާ ގޮތަށެވެ.
އެ ދެ އާއިލާއަށް އިންސާފް ލިބި ނިމުނީ