އެމްޑީޕީން ބޭނުންވި ގޮތަށް ރައްޔިތުން މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަން މިއަދު ފާސްކޮށްފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކޮމިޓީތައް ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ދެވަނަ ޖަލްސާގަ އެވެ.
މިއަދު މަޖިލިސް ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަން ހުށަހެޅި އެއްވެސް އިސްލާހެއް މަޖިލީހުން ފާހެއް ނުވި އެވެ.
އިދިކޮޅުގެ އިސްލާހުތައް ބޮޑަށް އަމާޒުކޮށްފައިވަނީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން އަނެއްބާރަށް ފާރަވެރިވުމާއި ޖަވާބުދާރީކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސިން ލާޒިމުކުރާ ޒިންމާއަކަށްވާތީ އެގޮތަށް ބަލައިގެން ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެކުލެވިފައިވާ ކޮމިޓީތަކުގައި މެންބަރުން އެކުލެވިގެންވާންވާނީ ދައުލަތުގެ އެހެން ބާރުތަކަށް ބާރުތަކުން ކުރާކަންކަމަށް ފާރަވެރިވެ ޖަވާބުދާރީ ކުރެވޭނެ ގޮތަށް ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
އިދިކޮޅުގެ އިސްލާހުތައް ހުށައަޅާފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީގައި އިދިކޮޅު މެންބަރުންގެ އަޣުލަބިއްޔަތު ހޯދުމަށެވެ. ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން އިދިކޮޅުން އިސްލާހު ހުށަހެޅި ނަމަވެސް އެއިން އެއްވެސް އިސްލާހަކަށް އެމްޑީޕީ މެންބަރުންގެ ތާއީދެއް ނުލިބުނެވެ.
އޭގެ އިތުރުން މާލިއްޔަތު ކޮމެޓީ އާއި ޖުޑީޝަރީ ކޮމެޓީ އެމްޑީޕީގެ އަޣުލަބިއްޔަތު ނޯންނާނެ ގޮތައް އެކުލަވާލަން ވެސް އިދިކޮޅު މެންބަރުން އިސްލާހު ހުށަހެޅި އެވެ. ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް އޮންނަ ގޮތް ހެދުމަށް ވެސް އިދިކޮޅު މެންބަރުން އިސްލާހު ހުށަހެޅި ކަމުގައިވިޔަސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވި އެވެ.
ރިޔާސަތުންވަނީ މިރޭ އަށްގަޑި ސުންމިނިޓްގެ ކުރިން ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން މެމްބަރުން އައްޔަން ކުރާނެ ގޮތް ފޮނުވާދިނުމަށް އެދިފަ އެވެ. '