ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް މިވަގުތު އިދިކޮޅު ކޯލިޝަން ހިނގެވުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދޅާުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންވެސް އަދި ރައީސް ނަޝީދު ވެސް ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުންނެވެ.
ރައީސް ނަޝިދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އުފެއްދުމަށް މިރޭ ބޭއްވި ޖަލްސަގައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެސް އަދި އެމަނިކުފާނު ވެސް ވާދަނުކުރެއްވުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެބޭފުޅުން ވެސް ގޮތްދޫކުރައްވާ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކީ ދެ ބޭފުޅުން ވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެވާހަކަތަކާ ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން ކަމަށެވެ. އަދި އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދު ގަބޫލުނުކުރާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ މަޝްވަރަތައް ކުރަމުންނެވެ. އެއާއެކު ދެ ޕާޓީ އެއްވެ އެއް ކެންޑީޑޭޓެއް ނެރޭނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓަކީ ރައީސް ޔާމީން ކަމަށް އެޕާޓީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.