މަދުވެގެން ދެތިން ފަހަރު ހޭނުލެވޭ ރެއެއް ނުދާނެ އެވެ. ކިތަންމެ އަވަހަކަށް ނިދި ކަމުގައި ވިޔަސްމެ އެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާއެއް ނަމަވެސް އޭގެ ސަބަބު ގިނަ ފަހަރަށް ނޭނގޭ ކަމެކެވެ.
ނިދާ މާހައުލު
ނިދަން އޮންނަ ކޮޓަރީގެ ސަބަބުންވެސް ރޭގަނޑު ދަންވަރު ހޭލެވެ އެވެ. ކޮޓަރި މާ ހޫނު ނަމަ ނުވަތަ ފިނި ނަމަ އަރާމުގައި ނިދާލުމަކީ ވާނެ ކަމެއް ނޫނެވެ. އަދި ކޮޓަރި މާ ބޮޑަށް އަލި ނަމަވެސް ނިދަން އުނދަގޫވެދާނެ އެވެ. އެހެންކަމުން ފަނޑުއައްޔެއް އެކުލެވޭ ބޮތްކެއް ނިދާގަނޑީގައި ބޭނުންކުރަން އާދަކުރާށެވެ. އަދި ކޮޓަރިއަކީ ސާފުތާހިރު ތަނަކަށް ހަދާށެވެ.
އެންޒައިޓީ ޑިސްއޯޑާ
އެންޒައަޓީ ޑިސްއޯޑާ އަކީ ނަފްސާނީ ބައްޔަކަށްވީ ހިނދު މި ބަލި ހުންނަ ނަމަ އަދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުނދަގޫ ވެއެވެ. އެންޒައިޓީ ހުންނަ ނަމަ ނިދުމަށްވެސް އުނދަގޫވެއެވެ. އަދި ރޭގަނޑު ދަންވަރު ބިރުވެރި ހުވަފެންތައް ފެނުމާއި، ބިރުގަތުމާއި، ދާހިތްލައި މޭގައި ރިއްސުމާއި ހާސްވުން ފަދަ ކަންކަން ދިމާވެ އެވެ. މިހެންވާނަމަ ސިއްހީ ފަރުވާ ހޯދަން ޖެހޭނެ އެވެ.
ތައިރޮއިޑް ގްލޭންޑް
ތައިރޮއިޑް ގްލޭންޑްއަކީ އިންސާނާގެ ހަށިގަނޑުގައިވާ ހޯމޯން އުފައްދައި ދޫކުރާ ގްލޭންޑްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގްލޭންޑެވެ. ތައިރޮއިޑް ގަލޭންޑް ހަށިގަނޑުގައިވާ ވަރަށް ގިނަ ގުނަވަންތައް ކޮންޓްރޯލްކުރެ އެވެ. ތައިރޮއިޑް ގްލޭންޑް މާ ބޮޑަށް މަސައްކަތްކުރަން ފަށައިފިނަމަ ހޯމޯން ތައިރިކްސިން އިތުރުވެ ނިދި މަދުކޮށްލަ އެވެ.
ދުވާލުގެ ވަގުތުތަކުގައި މާ ގަދައަށް ނިދުން
މެންދުރު ފަސް ނުވަތަ ހަވީރުގެ ވަގުތުތަކުގައި މާ ގަދައަށް ނިދުމަކީ ރޭގަނޑުގެ ނިންޖަން އަސަރު ކުރުވާ ކަމެކެވެ. ދުވާލު އެންމެ ގިނަވެގެން ނިދަން ވާނީ 30 މިނެޓަށެވެ.
މާ ގިނައިން ކެފެއިން ބޭނުން ކުރުން
ދުވާލުގެ ވަގުތުތަކުގައި މާ ގިނައިން ކެފެއިން އެކުލެވޭ ބުއިންތައް ބޯނަމަ ރޭގަނޑު އިރުއިރުކޮޅާ ހޭލެވުމުގެ ފުރުސަތު ބޮޑު ކޮށްދެ އެވެ. އެހެން ކަމުން ދުވާލު ބޯ ކޮފީއާއި އެނާޖީ ޑްރިންކްސް މަދުކޮށްލާށެވެ.