މިސަރުކާރު ބަދަލުކުރުމަށް ޕީޕީއެމްއާއި ދަ ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރާއިރު ދޫ ދޭން ހުރި ކަންތައްތަކުގައި ދޫ ދޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ސަރުކާރާ ދެކޮޅަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނާއެކު ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް އިން ވަނީ އެކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. އަދި އެކަމުގެ މަޝްވަރަތައް މިހާރު ވަނީ ފަށަފަ އެވެ.
ޑިމޮކްރެޓްސް އާއި ޕީޕީއެމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަސައްކަތް މިކުރަނީ މި ސަރުކާރު ބަދަލުކުރަން ކަމަށާއި ދެ ފިކުރެއްގެ ދެ ޕާޓީއެއް ކަމުން ދޫ ދޭން ޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރާ ކަމަށެވެ.
އާޒިމް ވިދާޅުވީ ދެ ބައި ވެސް ކުރިއަށް ދާނީ ދޫ ދޭން ޖެހޭ ކަންތައްތަކުގައި ދޫ ދީގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ފިކުރާ އެއްގޮތަށް ޕީޕީއެމް ޕީއެންސީއެއް ވެސް އެއް ދުވަހެއްގެ ތެރޭއެއް ނުދާނެ. އެކަންތައްތަކަށް ނަގާނެ ވަގުތު އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންތައްތަކަކަށް. އެހެންވީމަ އަޅުގަނޑުމެން ފެންނާނީ ސަރުކާރު ބަދަލުކުރަން ކުރަންޖެހުނު ކަމެއް ކުރާނީ އެކުއެކީގައި ކޮންމެކަމެއް ވެސް އެއީ ވާނެ ކަންކަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ކުރިން ބުނެފައި ހުރި އެއްޗެހި ކަންކަން ސާފުވަމުންދާ ވަރަކަށް ބަދަލުވާނެ ކަމަށެވެ. ދެބައިގެ ވެސް ވިސްނުމަކީ ސަރުކާރު ބަދަލްކުރުންކަމަށް އާޒިމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޑިމޮކްރެޓްސް އަކީ އަސްލު ހަގީގީ އެމްޑީޕީ ކަމަށާ މިއަދު ސަރުކަރާ ދެކޮޅަށް މަސައްކަތް ކުރަން ޖެހުނީ އެބޭފުޅުން އެމްޑީޕީގެ މެނިފެސްޓޯގައި ލިޔުނު އެއްޗަކާ މިސަރުކާރުން އަމަލުކުރާ ގޮތާ ދިމާ ނުވާތީ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ހިޔާލު ތަފާތުވުންތައް ހުއްޓަށް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.
ޕީޕީއެމް ޕީއެންސީ އިން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިނެއް ހިންގަމުންނެވެ. އެކަމުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިނުވާން ވަނީ ނިންމާފަ އެވެ.