ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލަފައި އޮތަސް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މާދަމާ ޖަލްސާ އަށް މަޖިލީހަށް ދާނެ ކަމަށް ބުނެފި އެވެ.
މިހަފްތާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މިއަދުގެ ޖަލްސާ ވެސް ނުބާއްވަ އެވެ.
މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.
މިދިޔަ ހަފްތާ މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރަގެ މެމްބަރި ހަސަން އަފީފް އެވެ. އަފީފް ރިޔާސަތުގައި އިންނަވަނީ އިތުބާރު ނެތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ފިޔަވާ އެހެން ބޭފުޅަކަށް މަޖިލީހުގެ ރިޔާސަތުގައި އިންދެވޭނީ ތިން ޖަލްސާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރަގައި މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާ ޖަލްސާތައް ނުބޭއްވިޔަސް ޕީޕީއެމް ކޯލިޝަންގެ ހުރިހާ މެމްބަރުންވެސް މަޖިލީހަސް ހާޒިރުވާނެ ކަމަށެވެ. ސައީދު ވިދާޅުވީ މަޖިލީހުގައި ތަޅު އަޅުވާފައި ނުބެހެއްޓޭނެ ކަމަށާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތެއް ހޯދަންޖެހޭނެ ކަމަށެވެ.
"މާދަމާ މަޖިލީހަށް ވަންނާނަން، ސެކްރެޓަރީ ޖެނެރަލްއަށް ވެސް ދަންނަވާފައި އޮންނާނެ، މަޖިލިސް ތަޅު އަޅުވާފައި ބެހެއްޓިޔަސް އަޅުގަނޑުމެން ގަސްތު ކުރަނީ މާދަމާ މަޖިލިސް ތަޅުމަށް ވަންނަން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި އޮތީ ސަރުކާރު ބޭނުންވެގެން ކަމަށެވެ. މަޖިލިސް ހުއްޓުމަކަށް ގެނެސް ޖުޑީޝަރީ ކޮމެޓީއަށް ސަރުކާރުން ބާރުފޯރުވަން ވެގެން ކަމަށް ސައީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކަރުން ބޭނުން ވަނީ މަޖިލީހަށް ހުށަހެޅިފައި ހުރި ބައެއް މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގެންދަން ކަމަށެވެ. އަދި މަޖިލިސް ހުއްޓަލާފައި ބޭއްވުމަކީ މިހާރު ސަރުކާރުން އެންމެ ބޭނުންވާގޮތްކަމަށާ އެއީ ގަސްތުގައި ސަރުކާރުން ކުރަ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށާއި ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަތައް 50 މެންބަރުން ސޮއިކުރައްވައި ވަނީ ވައްދައިފަ އެވެ.
އެ ދެ ބޭފުޅުންގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮތުމުން ދެބޭފުޅުން ވެސް ވަނީ މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.