ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތައް ބައްދަލުވުންތައް ކުރިއަށް ނުދާނަމަ ހުންނާނީ އަބަދުވެސް ތަޅުލާފައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ކުރިއަށްގެންދިޔުމަށް ކަނޑައަޅާފައިވާ ހުރިހާ ކޮޓަރިތަކެއް ތަޅުލައި ބަންދުކޮށްފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އަދި އެއީ ކޮމިޓީތައް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން އެއިދާރާއިން ކުރި ކަމެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ރިޕޯޓް ކޮށްފައިވުމުންނެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގަ އެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް އިދާރާ ގުޅިގެން ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ދަނީ ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެކަން ކުރަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއާވެސް ހިލާފަށްކަމަށް ސަރުކާރު މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގައި ތިއްބެވި 13 މެމްބަރަކު އެޕާޓީން ވަކިވުމާއި ގުޅިގެން ކޮމިޓީތައް އެލުލެވޭ ގޮތަށް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ.
ނަމަވެސް ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭ ގޮތެއް އަދި ނުވެ އެވެ.